ކަށްޓަފުޅިއަކީ ދިވެހިރާއްޖޭގެ ފަޅުތަކުގެ ތިލަ ސަރަޙައްދުތަކުން ފެންނަ، ހަލުވިކަމާއެކު ދަތުރުކުރާ މަހެކެވެ. މި މަސް އާންމުކޮށް ދިރިއުޅެނީ ރަށްރަށުގެ ގޮނޑުދޮށްތަކާއި ކުޅިތަކުގައެވެ. ކަށްޓަފުޅިއަކީ ލޮނުގަނޑާއި މީރުފެނުގައި ދިރިއުޅެވޭ މަހަކަށްވުމާއެކު، ވަޅުތަކާއި މަސްޓޭންކުތަކުގައިވެސް ގެންގުޅެއެވެ.
މި މަހަކީ ކެއުމަށް ކަމުދާ ބާވަތެއް ނަމަވެސް، ދިވެހިރާއްޖޭގެ ތިލަ ސަރަޙައްދުތަކުގައި ގިނައިން ފެންނަނީ ކުދި ސައިޒުގެ މަސްކަމުން، އާންމުކޮށް ކެއުމަށް ބޭނުމެއް ނުކުރެއެވެ. ކަށްޓަފުޅީގެ އެންމެ ބޮޑު ސައިޒަކީ 20 ސެންޓިމީޓަރެވެ.
މި މަހުގެ ޖިސްމާނީ ސިފަތަކުގެ ތެރޭގައި:
– ބުރަކަށީގައި 10 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.
– ބަނޑުދަށުގައި 3 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.
– ކަރުތާފަތްގަނޑުމަތީގައި ހުޅުނބު ހުރެއެވެ.
– ކަރުތާފަތްގަނޑުގެ އަރިމަތީގައި ދެކަށި ހުރެއެވެ.
ކުލައިގެ ގޮތުން:
– މަތީބައިގެ ކުލައަކީ އަޅިކުލައެވެ.
– ދެއަރިމައްޗާއި ބަނޑުދޮށުގެ ކުލައަކީ ރިހިކުލައެވެ.
– ނިގުލުގައި ކަފިވެފައިވާ ބައިގެ ހުރަހަށް ވަރަށް ފާޅުކަން ބޮޑު ކަޅުކުލައިގެ ދެރޮނގު ހުރެއެވެ.
– ނިގުލުގެ މެދުން ދިގަށް، މަތީގައި ބަޔާންކުރެވުނު ރޮނގުތަކަށްވުރެ ހިމަ ރޮނގެއް ހުރެއެވެ.
ކަށްޓަފުޅީގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނެނީ ކުދި ފަނިފަކުސާއާއި، ކަކުނިފަދަ ސޫފާސޫފި އަދި ކުދިމަހެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

