ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނު، އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް ތަންފީޒު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއްކަމުގައި ވީހިނދު ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ނިމުމަކަށް ގެނެވޭނީ ގާނޫނު ތަންފީޒުކޮށްގެން ކަމަށްވާތީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރުން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން ބާރުއަޅައި ގޮވާލައިފިއެވެ.
ހާރިޖީ ވަޒީރު ޒަމީރު މިފަދައިން ވާހަކަފުޅު ދެއްކެވީ، އިއްޔެ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ ހާއްސަ ބައްދަލުވުމުގައި ދެއްވި ތަގުރީރުގައެވެ. މި ބައްދަލުވުމަކީ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވުނު ބައްދަލުވުމެކެވެ.
ވަޒީރު ޒަމީރުގެ ތަގުރީރުގައި، އިޒްރޭލުން ފަލަސްތީނުގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނު، އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް ތަންފީޒުކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއްކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ހަނގުރާމަ ވަގުތުން ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް އެ ރައްޔިރަތުންނަށް ލިބޭކަން ކަށަވަރުކުރުމަކީ މި ވަގުތު އެންމެ މުހިންމު ކަމެއްކަމުގައި ވަޒީރު ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ، ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ ގައުމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ފަލަސްތީނު މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967 ގެ ކުރީގެ ސަރަހައްދީ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިގެން ކަމަށާއި، ފަލަސްތީނު އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުމުގެ މުހިންމުކަމާމެދު ވެސް ވަޒީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ވަޒީރު ގެ ވާހަކަފުޅު ގައި ހަމާސްގެ ސިޔާސީ ބިއުރޯގެ އިސްވެރިޔާ، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެ ޢަމަލު ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ.
އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ (އޯ.އައި.ސީ) އަކީ 57 މުސްލިމު ގައުމު ހިމެނޭ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ވަކާލާތުކުރަމުންދާ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ މި ޖަމްޢިއްޔާގެ މެންބަރަކަށްވީ 1976 ވަނަ އަހަރުގައެވެ. އެއަށްފަހު، ދިވެހިރާއްޖެ ވަނީ އޯ.އައި.ސީ ގެ ހަރަކާތްތެރި އަދި އިސް މެންބަރެއްގެ ގޮތުގައި ދެމިހުރެ، ފަލަސްތީނުގެ ދައުލަތާއި ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރަމުން ގެންގޮސްފައެވެ.

