މާލޭގައި މީހަކު ފެންވަރަން ހުއްޓާ ނެރެ، އެ މީހާއަށް ވަޅިން ހަމަލާދިންކަމުގެ ކުށުގައި 7 އަހަރަށް ޖަލަށްލާން މީހަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިފަދައިން ހުކުމް ކޮށްފައިވަނީ މ. ގޯލްޑަންލީފް، އަހުމަދު ނަބީލް އަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ 7:30 ގައި މާލޭ ގޭގެ ކޮޓަރިއެއްގެ ފާހާނާގައި ހުރި އަހުމަދު ވިޝާމް ނަމަކަށް ކިޔާ މީހަކު ފެންވަރަން ހުއްޓައި ނެރެ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގައި އަހުމަދު ނަބީލް އަށް ހުކުމް ކުރީ ހަތް އަހަރަށެވެ.
އަނިޔާލިބުނު ވިޝާމް ކޯޓުގައި ބުނެފައިވަނީ އެރޭ އޭނާ ފެންވަރަން ހުއްޓާ އޭނާގެ ކޮޓަރި ތެރޭގައި ހުރި ޝިޔާއު ސިރާޖު ނަމަކަށް ކިޔާ މީހަކު އެހެން މީހަކަށް ގުޅާ “މިއީ ރަނގަޅު ގަޑިއެއް” ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ކޮޓަރިއަށް އަންނަން އިތުރު މީހަކަށް ޝިޔާއު ދައުވަތު ދިން ކަމަށް ވިޝާމް ބުނިއެވެ.
ވިޝާމް ކޯޓުގައި ބުނެފައިވަނީ ކޮޓަރިއަށް އައީ ނަބީލު (ނައްބެ)ގެ އިތުރުން އަހުމަދު ޝިފާނު ކިޔާ މީހަކު ކަމަށެވެ. ވިޝާމް ފާހާނާގައި ހުއްޓާ ގަދަކަމުން ދޮރު ހުޅުވާ ނެރެ ކަރުގައި ވަޅި ޖައްސައި ކަރުގައި އޮތް ރިހި ދެ ފަށް ފޭރިގަތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އަދި އަތުގައި އޮތް ކެވެލި ކޮޅަކާއި އަތުކުރި ގަޑިވެސް ފޭރުނު ކަމަށް ވިޝާމް ކޯޓުގައި ބުނިއެވެ.
ވިޝާމް ބުނި ގޮތުން ހަމަލާދީފައިވަނީ އޭނާގެ ނިތްކުރިއާއި ވާތް ފަރާތުގެ ކޮނޑަށާއި ބުރަކަށްޓަށެވެ. ހަމަލާ ދިނުމަށް ފަހު އެ ތިން މީހުންވެސް ފިލީ އެވެ. އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ތެރޭގައި ފުލުހުންގެ ތަހުގީގަށް ވިޝާމް ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާ އަށް ހަމަލާދިނީ އެ ތިން މީހުންގެ ތެރެއިން ނަބީލް އަށް ކަމަށެވެ.
ދައުވާއަށް އިންކާރުކޮށް ނަބީލް ކޯޓުގައި ބުނީ އެ ބުނާ ދުވަހެއްގައި އެގެއަށް ގޮސްފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ވެސް ކޮށްފައިނުވާނެ ކަމަށެވެ.
އެކަމަކު އެ ވަގުތު ހުރިތަން ކޯޓުގައި އޭނާއަށް ކިޔައިނުދެވުނެވެ. އެހެން ނަމަވެސް ސިއްރު ހެއްކަކު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި ސީސީޓީވީ ފޫޓޭޖުން ވިޝާމްގެ ބަޔާނަށް ބާރު ލިބޭ ކަމަށް ކަނޑައަޅާ 7 އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

