ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ގިނަދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާފައިވާ ރަންގަލަމްގެ ވެރި ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) ހަމަޖައްސައިފި އެވެ.
މިކަން ހާމަކުރައްވައި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މުރައިދޫގޭ ޗީފް އޮފް ސްޓާފްގެ މަގާމަށް އާދަމް ހަލީމް އައްޔަން ކުރެއްވި ކަމަށާއި އެ މަގާމަށް އާދަމް ހަލީ،މް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
20 އަހަރަށް ވުރެ ގިނަ ދުވަހު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އާދަމް ހަލީމަކީ އަބްދުއްރަހީމް ނިސްބަތްވާ ލ. އަތޮޅުގެ މުންޑު އަށް އުފަން ބޭފުޅެކެވެ. “އާފަތިސް” ނޫހުން ނޫސްވެރިކަން ފެއްޓެވި އާދަމް ހަލީމް ވަނީ “ހަވީރު”ގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
“ސަން” އާއި “ވީނިއުސް” އަދި “އަވަސް” ގައި އެޑިޓަރެއްގެ ގޮތުގައި ވެސް އާދަމް ހަލީމް މަސައްކަތް ކުރެއްވި އެވެ. މި ފަހުން އޭނާ ވަނީ “ދަ މިރަރ”ގެ ނަމުގައި އަމިއްލަ ނޫހެއް އުފައްދައިފަ އެވެ. އާދަމް ހަލީމަކީ ނޫސްވެރިކަމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު މުރައިދޫގެ އަށް، މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި 26ގަ އެވެ. މުރައިދޫގެއަށް އަބްދުއްރަހީމް ބަދަލުވެވަޑައިގަތުމަށް އެ އިމާރާތް މަރާމާތު ކުރި އެވެ. މުރައިދޫގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު، ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ. އެހެންނަމަވެސް ނަޝީދަށްފަހު މަޖިލިހުގެ ރައީސްކަން ކުރެއްވި މެންބަރު މުހައްމަދު އަސްލަމް އެގެކޮޅުގައި ދިރި ނޫޅުއްވައެވެ.

