އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށާއި އެ ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާކަން ހާމަކުރައްވައި އެ ދަތުރުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަނެ މަޝްވަރާކުރުން ކަމަށްވެސް ބުނެފައެވެ.
މި ދަތުރުގައި ޖައިޝަންކަރު ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައި އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް އައްޑޫއަށް ވެސް ވަޑައިގަންނަވާނެއެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ޖައިޝަންކަރު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އައްޑޫ ސިޓީގެ، ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅަށްވީއިރު މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖައިޝަންކަރު ވަނީ ތިން ފަހަރު ރާއްޖެ ވަޑައިގެންފައެވެ.

