އިސްލާމިކް މިނިސްޓަރު ރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރާތީ ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީގެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޝަހީމްއާ ގުޅުވައިގެން ފަތުރަމުންދާ ޙަގީގަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.
އަދި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާ ގުޅޭގޮތުން ޙަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށާއި، އެމަނިކުފާނުގެ އަބުރުފުޅު ނަގާލުމަކީ ބަަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ފުރައްސާރަ ކުރުމުގެ ގޮތުން ކުރާކަންތައްވެސް ބަލައިނުގަނެވޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޙަގީގަތާ ޚިލާފު އިލްޒާމުތައް އެޅުވިނަމަވެސް ޝަހީމަކީ ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަށެވެ. އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލަންވެސް ޖެހޭ ކަމަށް ބުނެފައިވެއެވެ.
މިފަދަ ބަޔާނެެއް އެ ކޯލިޝަނުން ނެރެފައިވާއިރު، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޑރ. ޝަހީމަށް އަމާޒުކޮށްގެން ފާޑުވިދާޅުވެ ފުރައްސާރަކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ވަޒީރެއްގ ހައިސިއްޔަތުން އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތުގައި ހުންނަވާ ދާދީ ފަހުން ވަނީ ސައުދޫގައި އޮތް އިސްލާމީ ހުރިހާ ގައުމެއްގެ ވަޒީރުންގެ ބައްދަލުވުމުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.
އެ ބައްދަލުވުމަށްފަހު ވަޒީރު ވިދާޅުވީ ރާއްޖެ އަށް ރީތިނަން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ދެއްވާ އިރުޝާދާއި އެކު ސާބިތުވެ ހުންނެވި ކަމަށެވެ.

