މާލެ އިން ބޭރުގައި ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް ސާޖަރީތައް ފުރަތަމަ ފަހަރަށް ހަދަން ފަށައިފިއެވެ.
ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފެށިގެން ކުރިއަށްދިއުމަކީ ކުޅުދުއްފުށީ ސިޓީއާއި އެ ސަރަހައްދުގައި ދިރިއުޅޭ ހާއްސަކޮށް އުތުރުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށްވާނެ ކަމެކެވެ. އޭގެ ސަބަބުން އަލިފާނުގެ ޙާދިސާތަކުގައާއި، އެކްސިޑެންޓް ފަދަ ބޮޑެތި ހާދިސާތަކުން ލިބޭ އަނިޔާތަކުގައި ސަބަބުން ގައިގަލާ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މާލެ އިން ބޭރުގައި ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް ސާޖަރީތައް ހެދުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދުން ބޭރުގައި ޕްލާސްޓިކް އެންޑް ރީކޮންސްޓްރަކްޓިވް ސާޖަރީތައް ފެށި ފުރަތަމަ ހޮސްޕިޓަލަށް ވަނީ ވެފައެވެ. އިއްޔެ ފުނާ ވިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި ކޭއާރްއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ނާޒިމާ ޢަލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބުދުލްރައްޒާޤް ޙަލީމް ވިދާޅުވީ، އެފަދަ ޚިދުމަތް ހޯދުމަށް އުތުރުގެ ރަށްތަކުން މާލެއަށް ކުރަންޖެހުނު ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އެޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރައްވޭނެ ކަމުގެ ޔަގީންކަންވެސް އެބަ އޮތް ކަމަށެވެ.

