ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ ބޮޑީބޯޑިންގ ނުވަތަ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާގައި ހިމެނޭ “ވިޒިޓް މޯލްޑިވްސް ޕްރޯ 2024” ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
“ވިޒިޓް މޯލްޑިވްސް ޕްރޯ 2024” ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ނައިބް ރައީސް އެވެ. އަދި ވިމެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ނައިބުގެ ރައީސްގެ އަނބިކަނބަލުންނެވެ.
މިހިނގާ އޯގަސްޓް މަހުގެ 2 އިން 9 އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދިޔަ އެ މުބާރާތުގައި ރާއްޖޭގެ 15 ބައިވެރިންނާއެކު ޖުމްލަ 14 ޤައުމަކުން 88 އެތުލީޓުން ބައިވެރިވެފައިވެއެވެ. އެގޮތުން އެ މުބާރާތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި 50 އެތުލީޓުން، އަންހެން އޯޕަން ޑިވިޝަނުގައި 23 އެތުލީޓުން އަދި ޖޫނިއާ ބައިގައި 23 އެތުލީޓުން ބައިވެރިވިއެވެ. އެ މުބާރާތުގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. އެއީ އެ މުބާރާތް ރާއްޖޭގައި ބާއްވާ ތިންވަނަ ފަހަރެވެ.
އެ ސަރުކާރުން ރާއްޖޭގައި މޫދު ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިންޓަރނޭޝަނަލް ފެންވަރުގެ ސަރފިންގ ސްޓޭޑިއަމަކަށް މާލޭ ރާޅުގަނޑު ސަރަހައްދު ހެދުމާއި ސަރފިންގ ޓޫރިޒަމް ފުޅާކޮށް، އޭގެ ނަފާ ހޯދުން ހިމެނެއެވެ

