ބަންކަރިންގެ ހިދުމަތާއެކު އާ ވަޒީފާތައް އުފެދި ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތާއެކު އިގްތިސާދީ އެތަކެއް ހަރަކާތެއް ހިނގާނެ ކަަަަމަށާއި، ސަޕްލައިގެ ހިދުމަތުން ފެށިގެން އެތައް ކަމެއް ފުޅާވެގެންދާނެ ކަމަށެވެ.
” އެހެންކަމުން އެއީ އެ ސަރަހައަދުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު މަންފާއެއް.ވަޒީފާގެ އިތުރުން ރައްޔިތު މީހާގެ ޖީބަށް ބޭރު ފައިސާ ވަންނަ ގޮތަށް މިއޮތީ މަގު ހުޅުވިފަ.” ވަޖީހު
ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުޅާއެއްގޮތަށް ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ގެންނަ 4000 މެޓްރިކް ޓަނުގެ ތެޔޮ އުފުޅޭ ބިޔަ ދެ އުޅަނދެއް މި މަހު ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަ ކޮށްފައެވެ.
ރާއްޖޭގެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ޕައިލެޓް ބޯޓާއި ޓަގް ބޯޓެއްވެސް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ. އެގޮތުން އެ އުޅަނދުތައް ވަނީ މިހާރު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. ބަންކަރިން މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް އެމްޕީއެލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ހިދުމަތަކަށް ވާތީ އެ މަސައްކަތް ނަގަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

