ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ހިދުމަތް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައެވެ.
ރޭ ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ޔޫޕީއައިގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަންގެ ބައިނަލް އަގުވާމީ ވިޔަފާރިއާއި ބެހޭ ކުންފުނި، އެންޕީސީއައި އިންޓަރނޭޝަނަލް ޕޭމަންތް ލިމިޓެޑްއާއި އެކުއެވެ.
މި އެމްއޯޔޫގެ މައިގަނޑު ހަތަރު މަގުސަދެއް ހިމެނެއެވެ. އެއީ،
- ޑިޖިޓަލް ޕޭމަންޓްސް ސިސްޓަމް ތަރައްގީ ކުރުން،
- މާލީ ބާޒާރުގައި ފަރުދުންގެ ބައިވެރިވުން އިތުރު ކުރުން،
- އިންޓަރ އޮޕެރެބެލިޓީ
- ހުނަރާއި ގާބިލުކަން އިތުރު ކުރުން
އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްއޯޔޫގެ ދަށުން އުފެދިގެންދާ ގުޅުމުގެ މައިގަނޑު އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ތަސައްވުރު ކުރެވިފައިވާ، ކްރިއޭޓާ އިކޮނޮމީގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުން ކަމަށެވެ. އަދި އީކޮމާސްގެ ދާއިރާ ތަރައްގީ ކުރުމާއި މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް، މާލީބާޒާރު އިތުރަށް ފުޅާކުރުން ކަމަށެވެ.

