އިންޑިއާގެ އެހީގައި ރާއްޖޭގެ ސިވިލް ސާވިސްގެ އިތުރު އެއްހާސް މުވައްޒަފުން ތަމްރީން ކުރުމަށް ފަހުމުނާމާއެއްގައި މިރޭ ސޮއިކޮށްފިއެވެ.
ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސްއާ ދެމެދު މި ފަހުމުނާމާގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފަހުމުނާމާގައި ސީއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހެވެ.
މި ރަސްމިއްޔާތުގައި ޖައިޝަންކަރުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓަރު ޒަމީރު ދެއްވި ބަޔާނުގައި ވިދާޅުވީ އަވަށްޓެރި އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތްކޮށް އަދި ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެތައް އަހަރެއް ވަންދެން ދެމިގެން ގޮސްފައިވާ ކަން ޒަމީރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ މުވައްޒަފުން ތަމްރީން ކުރުމަށް އިންޑިއާއާ އެކުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން މީގެކުރިން ވެސް އެކިއެކި މުއައްސަސާތަކުގައި ތިބި މުވައްޒަފުން އިންޑިއާގައި ތަމްރީންކޮށްފައިވެއެވެ.
އެގޮތުން ސިވިސް ސާވިސް މުވައްޒަފުންނާއި ކަސްޓަމްސް މުވައްޒަފުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނާއި ފަނޑިޔާރުންނާއި ކައުންސިލަރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނާއި އޮޑިޓް އޮފީހުގެ މުވައްޒަފުން ވެސް ތަމްރީނަށް ގެންދިޔައެވެ.
މިދިޔަ އަހަރު އެކަނި ވެސް ތަމްރީނަށް އިންޑިއާ އަށް ފޮނުވި ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު 1،000 އާ ގާތް ކުރެއެވެ.

