ކުޅުދުއްފުށީގައި "ހާޖީ މެޑިކަލް ކުލިނިކް"ގެ ނަމުގައި އިތުރު ކުލިނިކެއް ހުޅުވައިފި އެވެ.
އެ ރަށު ހިކިފިނިފެންމާގޭގައި ހުޅުވި އެ ކުލިނިކް ހުޅުވައިދެއްވީ މިއަދު ހެނދުނު އޮތް ހަފުލާއެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.
ކުލިނިކް ހުޅުވައިދެއްވުމަށްފަހު ކޭއޯއަށްދެއްވި އިންޓަވިއުއެއްގައި މޭޔަރު އާތިފް ވިދާޅުވީ، މި ކުލިނިކަކީވެސް ކުޅުދުއްފުށީގެ ހިދުމަތުގެ ލިސްޓަށް އިތުރުވި ބޮޅެއްކަމަށެވެ.

ހާޖީ މެޑިކަލްގެ ނަމުގައި ކުޅުދުއްފުށީގައި ކްލިނިކެއް
ކްލިނިކްގެ ސަބަބުން ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ހޮސްޕިޓަލުން ނުލިބޭ ހިދުމަތްތައް ހޯދުމަށް މާލެ ސަރަހައްދަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"ބޮޑުތިލަދުންތީގެ 70 ހާހުގެ ރައްޔިތުންގެ އެކި ހިދުމަތްތަކަށް ކަނެކްޓްވެފަ މިއޮންނަނީ ކުޅުދުއްފުއްޓާ، އެހެންވީމަ ކުޅުދުއްފުށީގައި އިތުރުވާ ކޮންމެ ހިދުމަތެއް ވެގެންދާނީ ކުޅުދުއްފުށީގެ ރައްޔިތުނަށް އެކަނި ހުޅުވިގެންދާ ހިދުމަތެއް ނޫން. މިއީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާ ހިދުމަތަކާއި ލުއި ފަސޭހަކަމެއް." މޭޔަރު ވިދާޅުވި އެވެ.
ހާޖީ މެޑިކަލް ކުލިނިކްގައި މިވަގުތު ދަތުގެ ހިދުމަތް ދިންކަމުގައިވިޔަސް ކުރިއަށް އޮތްތަނުގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ.

ހާޖީ މެޑިކަލްގެ ނަމުގައި ކުޅުދުއްފުށީގައި ކްލިނިކެއް
ހާޖީ މެޑިކަލް ކުލިނިކުން ލިބޭ ހިދުމަތް:
- ރޫޓް ކެނަލް ހެދުން
- ކުޑަކުދިންގެ ރޫޓް ކެނަލް ހެދުން
- ފުޓުނި އެޅުން
- ދަތް ނެގުން
- ދަތް ސާފުކުރުން / ދަތް ހުދުކުރުން
- ދަތްޕިލާ ހެދުން
- ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް
މި ކުލިނިކުގެ ހިދުމަތް ހޯދުމަށް 6528181 ނަމްބަރު ނުވަތަ 7328181 ގުޅައި ވައިބާ މެސެޖްކޮށްގެންވެސް އެޕޮއިންޓްމެންޓްގެ ހިދުމަތް ލިބޭނެ އެވެ. ކުލިނިކް ހުޅުވިފައިހުންނާނީ 08:30 – 16:00 | 20:00 – 22:00 އަށެވެ.
ހާޖީ މެޑިކަލް ކްލިނިކްގެ ނަން ނިސްބަތްވަނީ ކުޅުދުއްފުށީގެ ދުވަސްވީ ވިޔަފާރިވެރިޔާ ހާޖީ ޙަސަންފުޅުބެ އަށެވެ.

