ދިވެހިރާއްޖޭގައި އޮތް މެމްބަރުން އެންމެ ގިނަ ޕާޓީއަކަށް ސަރުކާރުގެ މައި ޕާޓީ، ޕީއެންސީ ހެދުމުގެ ހަރަކާތެއް ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އޮންނަނީ އެގާރަ ސިޔާސީ ޕާޓީ ކަމަށްވާއިރު އޭގެ ތެރެއިން 50،980 މެމްބަރުންނާއެކު އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ. ޕީއެންސީ ތިން ވަނައިގައި އޮތީ 28،704 މެމްބަރުންނާ އެކުއެވެ.
ޕީޕީއެމާއި ޕީއެންސީއަކީ އެއް ފިކުރެއް ކަމުން މި ދެ ޕާޓީގެ މެމްބަރުންގެ އަދަދު އެއްކޮށްލުމުން 60،000 އަށް ވުރެ މައްޗަށް އަރައެވެ.
ރައީސް އަދި ޕާޓީގެ ރައީސް، ޑރ. މުއިއްޒުގެ އިސް ނެންގެވުމުގެ ދަށުން މި ހަރަކާތްތައް މާލެ، ވިލިމާލޭގެ އިތުރުން ބާރަ ދާއިރާއެއްގައި މިހާރުވެސް ކުރިއަށްދާ ހަރަކާތްތަކުގައި، ޕާޓީގެ މެމްބަރުން މީހުންނާ ބައްދަލުކޮށް ޕާޓީއަށް ވަންނަން ޝައުގުވެރިވާ މީހުންގެ ފޯމު ފުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވަނީ ވިދާޅުވެފައެެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ މީ އެންމެ ބޮޑު ޕާޓީއަށް ހަދައި، އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުން،” ޒީނާޒް ވިދާޅުވިއެވެ.

