އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެއިން އޭނާ އަށް ދެންނެވި ހޫނު މަރުހަބާ އަދި ހެޔޮބަސްފުޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޖައިޝަންކަރު އެގޮތަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ “އެކްސް” ޕޯސްޓު ރީޕޯސްޓު ކުރައްވަމުންނެވެ.
އެކްސްރީޕޯސްޓުގައި ޖައިޝަންކަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން ޖައިޝަންކަރު ފުރަތަމަ ވަޒީރު މޫސާޒަމީރާ ބައްދަލު ކުރެއްވުމަށްފަހުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވިއެވެ. ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހަ މަޝްރޫއެއް އިފްތިތާހުކޮށްދެއްވިއެެވެ. އަދި ހަމަމިއާއެކު އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަކޮށްފައިވެއެވެ.
އަދި ޖައިޝަންކަރު ވަނީ އެ ގައުމުގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވެސް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފައެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖައިޝަންކަރު މާދަމާ ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. އެ ދަތުރުފުޅުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަ ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހަންކެޑެ ބްރިޖު ހިމެނެއެވެ.

