ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދައި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ކަމަނާ" ފިލްމްގެ ޓިކެޓްގެ ޑިމާންޑްވެ ކޮންމެ ހަފްތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ނިންމައިފިއެވެ.

ސެޓަރން ސްޓޫޑިއޯގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 27 އޯގަސްޓް އިން 14 ސެޕްޓެމްބަރަށް ފިލްމް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 6 ޝޯވ ގެ ޓިކެޓް އެއްކޮށް ވިކި ހުސްފައިވާ ކަމަށާއި، އަދި އޮލިމްޕަސް ސިނަމާ އިތުރު މުއްދަތަކަށް ލިބެން ނެތުމުން ޑިމާންޑަށް ބަލައި ކޮންމެ ހަފްތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯވގެ އިތުރުން 23:30 ގެ ޝޯވގެ ޓިކެޓް މާދަމާއިން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި 7458800 އަށް ވައިބަރ ކޮށްގެން ޓިކެޓް ގަނެވޭނެ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.
"އަޅުގަނޑުމެންނަށް އޮލިމްޕަސް ލިބިފައި އިނީ އެންމެ 19 ދުވަހަށް. ފިލްމަށް ޑިމާންޑް އޮތްވަރުން 19 ދުވަހުން ފިލްމް ބަލަން ބޭނުންވާ އެންމެނަށް ފިލްމު ބެލުމުގެ ފުރުސަތު ނުލިބިދާނެތީ ހަފްތާ ބަންދުގައި އިތުރު ޝޯވތަކެއް ދައްކަން ނިންމީ" ސެޓަރން ސްޓޫޑިއޯ
ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ޙާދިސާ އަކަށްއުފައްދާފައިވާ ފިލްމެކެވެ.
ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރު އެވެ.

