ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އިސްތިޢުފާ ނުދެއްވާ ކަމަށާއި،އަދި އިސްތިޢުފާ ދެއްވަން ވަގުތެއް ވެސް ނުލިބޭ ކަމަށް އޭނާގެ ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވެއްޖެއެވެ.
ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރިސިޓީތަކުގެ އެތަކެއް ހާސް ދަރިވަރުން ނިކުމެ ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އިންޑިޔާއަށް ވަޑައިގަންނަވައި، ޙިމާޔަތް ހޯއްދަވާފައެވެ. އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރެއްވީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް ވާކިރު އަލް-ޒަމާނެވެ.
ސަރުކާރުގެ ވަޒީފާތަަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ތެދުވެ ކުރި މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 300އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނާއި ޢާންމު ރައްޔިތުންނެވެ.
"އަޅުގަނޑުގެ މަންމާފުޅު އިސްތިޢުފާ ދެއްވާފައެއް ނުވޭ. އިސްތިޢުފާ ދެއްވަން ވަގުތެއް ވެސް ނުލިބޭ،"
ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވުމާ ގުޅިގެން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީން ވަނީ އަސްކަރިއްޔާގެ އިސްވެރިންނާއި އިދިކޮޅު ޕާޓީތަކުގެ ވެރިންގެ މަޝްވަރާގެ މަތިން ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. ނަމަވެސް، ޖޯއި ވިދާޅުވީ، ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ބޭފުޅަކު އިސްތިޢުފާ ދެއްވުމުގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވައިލައި، ވަގުތީ ސަރުކާރެއް އެކުލަވައިލުމަކީ ކޯޓުގައި ދަޢުވާ ކުރެވިދާނެ މައްސަލައެއް ކަމުގައެވެ.
ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް އިސް މުޝީރުގެ ގޮތުގައި ކަނޑައަޅައި އެކުލަވައިލާފައިވާ ވަގުތީ ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަމަން ގާއިމުކޮށް، ތިން މަސް ދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމެވެ. ޖޯއި ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގުން ވާދަ ކުރާނެ ކަމުގައެވެ.
"އަވާމީ ލީގުން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް، އަލުން ވެރިކަމަށް އަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް. އެހެން ނުވެއްޖެ ނަމަ، އަޅުގަނޑުމެން ވާނީ މައި އިދިކޮޅު ޕާޓީއަށް. އެއިން ކޮންމެ ގޮތެއްވެސް ވަރިހަމަ،" ޖޯއި ވިދާޅުވިއެވެ. ޙަސީނާ ފިއްލަވައި ޤައުމު ދޫކޮށް ވަޑައިގެންނެވުމުން، އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ، އަދި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ، ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ، ބަދަލު ހިފުމާ ދެކޮޅަށް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ޖޯއި މަރުޙަބާ ވިދާޅުވިއެވެ.
"ޚާލިދާ ޒިޔާ ވިދާޅުވެފައިވާ ބަސްފުޅުތަކާ މެދު އަޅުގަނޑު އުފާ ކުރަން. މާޒީގައި ވެފައިވާ ކަންކަން މާޒީއަށް ދޫކޮށްލަން ޖެހޭ. މާޒީގައި ވީ ކަންކަން ހަނދުމަ ނައްތައިލަން ޖެހޭ. ސިޔާސީ މައިދާނުގައި ބަދަލު ހިފުމަށް ފުރުޞަތު ދީގެން ނުވާނެ. އަޅުގަނޑުމެންނަށް އޮތް ގޮތަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުން. އެއީ، ވެރިކަމުގައި ގުޅިފައިވާ ސަރުކާރެއް ނުވަތަ ވަކި ޕާޓީއެއްގެ ސަރުކާރެއް އޮތް ނަމަވެސް،" ޖޯއި ވިދާޅުވިއެވެ.
ބީއެންޕީއާ ގުޅިގެން ބަންގްލަދޭޝްގައި އަލުން ޑިމޮކުރަސީ ގާއިމު ކުރަން އަވާމީ ލީގުން ތައްޔާރަށް އޮތް ކަމުގައި ވެސް ޖޯއި ވިދާޅުވިއެވެ. އަދި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވަން އަވާމީ ލީގުން ފުރުޞަތު ދޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަވާމީ ލީގުގެ ފަރާތުން ބޮޑުވަޒީރު ކަމުގެ މަޤާމަށް ކުރިމަތިލައްވަން ނިންމަވާފައިވޭތޯ ސުވާލު ކުރުމުން ޖޯއި ވިދާޅުވީ "ޕާޓީން އެ ކަމަށް އެދި ހުށަހަޅައިފި ނަމަ އަޅުގަނޑު އެ ކަމާ މެދު ވިސްނާނަން،" ކަމުގައެވެ.

