ނުތަނަވަސްކަމާއި ދަތި އުނދަގޫތައް ކުރިމަތިވާ އެތައް ދުވަހެއް އާދެއެވެ. ހިތްދަތިކަމުން ގިސްލެވޭ ކިތަންމެ ކަމަކާ ބައްދަލުވެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އަހަރެމެން ވާން ޖެހޭނީ އެ ހުރިހާ ހާލަތްތަކަކަށް ކެތްތެރިވާ ބަޔަކަށެވެ. ދިމާވާ ދަތިތަކަށާއި ހިތާމަތަކަށް ލުއި ހޯދާ ބަޔަކަށެވެ.
ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ” މާނައީ: “އެންމެހައި މަޚްލޫޤުންގެ ތަޤްދީރު ﷲ تعالى ވަނީ އުޑުތަކާއި ބިން އުފެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން ލިޔުއްވާފައެވެ.” ޞަޙީޙު މުސްލިމުގައި އައިސްފައިވާ މި ޙަދީޘްފުޅުން އެނގި ހާމަވަނީ އަޅުގަނޑުމެންގެ ޙަޔާތުގައި ކުރިމަތިވާ މުޞީބާތްތަކަކީ އަޅުގަނޑުމެންނާ ކުރިމަތި ނުވެ ނުދާނޭ މުޞީބާތްތަކެއް ކަމެވެ. މިކަން ހަނދާނުގައި ބެހެއްޓުމަކީ ހިތާމައާއި ހިތްދަތިކަމަށް ލުއި ލިބޭނޭ އަވަސް މަގެކެވެ.
ޙަޔާތުގެ ބަނަ ދުވަސްތަކުގެ ހާސްކަން ކުޑަކޮށްދޭ އަނެއް ކަމަކީ މުޞީބާތްތަކަށް ކެތްތެރިވުމުން ލިބޭ މަތިވެރި އަޖުރު ހަނދާންކުރުމެވެ. “مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ” [رواه مسلم] މާނައީ: “އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެ ނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކަށްޓެއް ހެރުމުން (އެކަމާ ކެތްތެރިވެއްޖެ ނަމަ) އެ ކަމުގެ ސަބަބުން މާތް ﷲ އެ މީހެއްގެ ފާފަފުއްސަވާ ނުދެއްވާނެ ގޮތަކަށް (މި އިން އެއްވެސް ކަމެއް) ނުޖެހެއެވެ.” ދަތި ހާލަތްތަކަށް ފަހު ފަސޭހަކަމާއި ފާގަތިކަން އަންނާނެ ކަމަށް މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ.
ގާތްތިމާގެ މީހަކު ކުއްލިއަކަށް ނިޔާވުން، ފަރުވާއެއް ހޯދިފައި ނުވާ ބަލިމަޑުކަމެއްގައި އުޅެން ޖެހުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިޔަކު ބަލައިބޮޑުކުރުމުގައި ދިމާވާ ގޮންޖެހުން ފަދަ ކަންކަމަކީ ދާއިމީ ހިތާމަތަކެކެވެ. މިފަދަ ހިތާމަތައް ކުޑަކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ މި ދުނިޔެއަކީ ފަނާވެ ނެތި ދާނޭ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއް ކަން ޤަބޫލުކުރުމެވެ.
މުޞީބާތްތަކަށް ކެތްކުރުމާ އެކު، މާތް ﷲ އަށް ވަކީލުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް އިސްލާމްދީން ބާރުއަޅައެވެ. ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާ އެކު، ތިމާއަށް ފައިދާއެއް ވެސް އަދި ގެއްލުމެއް ވެސް މެދުވެރިކުރެއްވޭނޭ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.
ހިތާމަތަކުން އަރައިގަނެވޭނެ ސަބަބުތަކުގައި ހިފުމާ އެކު ހިތާމަތައް ފިއްލެވުން އެދި ދުޢާކުރުމަށާއި އަދި މާތް ﷲ ގެ ރަޙްމަތުން މާޔޫސްނުވުމަށް އިސްލާމްދީން ބާރުއަޅައެވެ.
ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް މާތް ﷲ އާ މެދު ހެޔޮ ހީކޮށް، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމުގެ ހެޔޮ ތައުފީޤު ދެއްވަވާށި. އާމީން!
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

