އައްޑޫސިޓީގައި އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުން ހިންގި ތިން މުހިންމު މަޝްރޫއު ނިންމައި މިއަދު ސަރުކާރާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބިން ހިއްކުމާއި، އަދި ހަންކެޑެ ބްރިޖް މަޝްރޫއު ހިމެނެއެވެ.
މި މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު އައްޑޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުތަކާ ހަވާލުވެވަޑައިގަތީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުތަކުގެ ދަށުން އައްޑޫގެ ތަރައްޤީއަށް ބޭނުންވާ 184 ހެކްޓަރުގެ ބިން ހިއްކައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހަންކެޑެއިން އިތުރު ބިން ހިއްކައި، ފަތުރުވެރިކަމަށް ޚާއްޞަކޮށް ތިން ރަށެއް ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫއުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ހަންކެޑެއާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކޮށް، އެ ހިސާބުގައި ވަކި ބްރިޖެއް އަޅާފައިވެއެވެ.
ހަންކެޑެ ބްރިޖު މަޝްރޫއުއަކީ އައްޑޫ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެކެވެ. ދިގުމިނުގައި 1.5 ކިލޯމީޓަރުގެ އެ މަގު ހެދީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ކައިރިން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ.

