އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު ފުރާވަޑައިގެންފިއެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި ރައީސް ޑރ މުއިއްޒު އާ ވަނީ ބައްދަލުކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.
ދެގައުމުގެ ގުޅުން ދައްކުވައިދޭ ނިޝާނެއްގެ ގޮތުގައި ޖައިޝަންކަރު އާއި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ މާލޭ ލޮނުޒިޔާރަތް ޕާކުގައި ކާމަރަނގަ ގަހެއްވެސް އިންދަވައިފައެވެ.
ދަތުރުގެ ފުރަތަމަ ދުވަހު އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް – ގްރޭންޑް އެސިސްޓަންސްގެ ދަށުން ހިންގާ ހަ މަޝްރޫއު އިފްތިތާހުކޮށް ދިވެހި ސަރުކާރާއި ހަވާލުކުރެއްވި އެވެ. އަދި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އާއި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އާއިއެކު ވެވުނު އެއްބަސްވުމުގެ އިތުރުން 1000 ސިވިލް ސަރވިސް އޮފިސަރުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަން އަދި އެން.ސީ.ޖީ.ޖީ އާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ނޯޓް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ. އަދި ތިލަމާލެ ބްރިޖުގެ އެއްގަމާއި މޫދުގައި މަސައްކަތް ހިންގަމުންދާ ގޮތްވެސް ބައްލަވާލެއްވި އެވެ.
މިދަތުރުފުޅުގައި ޖައިޝަންކަރު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން، އެ ސިޓީގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވިއެވެ.
ޖައިޝަންކަރު ފުރާވަޑައިގެންނެވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

