ނ. މާފަރު އެއާރޕޯޓް އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވިއަންއިން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެޓިވް އޮފިސާރ އަލްފާޟިލް އަބްދުﷲ ޒިޔާދެވެ. އަދި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާރ އިބްރާހިމް އިޔާޒްއެވެ.

މާފަރު އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގަ ސޮއިކުރުން/ފޮޓޯ އެމްޓީސީސީ
އެ މަޝްރޫއުގެ ސަބަބުން މާފަރު އެއާރޕޯޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއާރޕޯޓް ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެއެވެ. އެ މަސައްކަތުގެ ދަށުން އިތުރު ވަޒީފާތައް އުފެދި ހިދުމަތް ފުޅާވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ޕްރައިވެޓް ޖެޓްތައް މާފަރު އެއާރޕޯޓްގައި ޖައްސާ މިންވަރު އިތުރުވެ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައެވެ.
މީގެ އިތުރުން އެއާރޕޯޓް ޖެޓް ޕާކިންއަށް ލިބޭ އާމްދަނީ ބޮޑުވެ ނޫނު އަތޮޅާ މާފަރު އިޤްތިސާދީ ގޮތުން ތަރައްގީވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މާފަރު އެއާރޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގަ ސޮއިކުރުން/ފޮޓޯ އެމްޓީސީސީ
އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަ މިޓަރުގެ ފަޔާރ ރޯޑް ތަޅާލުމާއި 18660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއި 4047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއަކީ 29.85 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، 180 ދުވަސް ތެރޭ އެއްކޮށް ނިންމާލަންޖެހޭ ކަމަށެވެ.
‘

