ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅަށް، ފެންބޮޑުވާނެކަމަށް ލަފާކޮށް އޮރެންޖެ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރުނީ، ހއ އިން ފެށިގެން ށ އަތޮޅާއި ހަމަޔަށް މިއަދު ހަވީރު 04:00 އިން މިރޭ 07:00 އަށެވެ. މި ތިން އަތޮޅަށް އޮރެންޖް އިންޒާރު ނެރެފައިވާ މި ތިން ވަރަކަށް ގަޑިއިރު ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މި ތިން އަތޮޅުވެސް މިއަދު ހެނދުނު 11:00 ފެށިގެން މެންދުރު ފަހު 04:00 ޖެހުމާ ހަމައަށް އޮތީ ރީނދޫ އިންޒާރުގައެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން މި ތިން އަތޮޅަށް އޮރެންޖް އިންޒާރު ދިންއިރު އުތުރުގެ އެހެން އަތޮޅުތަށް އޮތީ މިރޭ 07:00 ޖެހުމާ ހަމަޔަށް ރީނދޫ އެލާޓްގަ އެވެ.
ރީނދޫ އިންޒާރުގައި ބުނެފައި ވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި ލަފާކުރެވޭ ގޮތުގައި އާންމުގޮތެެއްގައި ގަޑިއަކު 25 މޭލާއި 23 މޭލާއި ދެމެދު ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނެކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު މާލެ ސިޓީ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް “އަލް-ޖަޒީރާ” އިން ގެނެސްދޭ ބައިނަލްއަގުވާމީ މޫސުމާ ބެހޭ ރިޕޯޓުގައި ވެސް ވަނީ ލަފާކޮށްފައެވެ.
“އަލްޖަޒީރާ” އިން ނެރުނު ރިޕޯޓުގައި ވެރިރަށް މާލެއަށް ކުރިއަށް އޮތް ތިން ދުވަހު ވަރަށް ބޯކޮށް ވާރޭ ވެހުމާއިއެކު އެގޮތުން އެ ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ. އެރިޕޯޓުގައި ރާއްޖޭގެ އިތުރުންސްރީ ލަންކާ އަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ބުނެފައިވެއެވެ.
މި ހަފްތާ އެކީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެތީ ކަމާ ބެހޭ ފަރާތްތަކުން ވަނީ ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.

