ތިމާ ލޯބިވާ މީހުންނާއެކުގައި ކިތަންމެ ގާތުގައި އުޅުނަށް ދުނިޔޭގެ ބުރަ ދިރިއުޅުމުގެ ސަބަބުން އެފަރާތްތަކަށް ނުވަތަ އެފަރާތަކަށް ފުރިހަމަ ސަމާލުކަން ނުދެވޭކަމީ ވަރަށްބޮޑުު ހަގީގަތެކެވެ. ޕާކިންސަންސް ނުވަތަ ތުރުތުރު އަޅާ ބައްޔަކީ އޭގެ ދާއިމީ ހައްލު ނުވަތަ ދާއިމީފަރުވާއެއް ހޯދިފައި ނެތް ދެމިގެންދާ ބައްޔެކެވެ. މިފަދަ ބައްޔެއް ލޯބިވާ ފަރާތަކަށް ޖެހުމަށް އެއްވެސް މީހަކު ނޭދޭނެއެެވެ. އެކަމަކު މި ބަލި ޖެހިއްޖެ ނަމަ އެމީހާއަށް ހުރިހާ ވަގުތެއް ދީ ލޯބިދޭށެވެ. އޯގާތެރިވެ އަޅާލާށެވެ. ޕާކިންސަންސް ޖެހުމަށްފަހު މީހާ ދާނީ މަޑުމަޑުން ވަކިވުމާ ދިމާއަށެވެ. އެކަން ހަނދާން ބަހައްޓާށެވެ.
ޕާކިންސަންގެ ބައްޔަކީ ކޮބައި ހެއްޔެވެ؟
ޕާކިންސަން ބައްޔަކީ ޕްރޮގްރެސިވް ނިއުރޯޑިޖެނެރޭޓިވް ޑިސްއޯޑަރ؛ މުހިންމު ގޮތެއްގައި ހަރަކާތްތެރިކަމަށް އަސަރުކުރާ ބައްޔެކެވެ. މިއީ ސިކުނޑީގެ ވަކި ސަރަހައްދެއް ކަމަށްވާ ސަބަންޝިއާ ނައިގްރާގައި ހުންނަ ޑޮޕަމިން އުފައްދާ ނިއުރޯންތައް މަޑުމަޑުން ގެއްލިގެން ދިއުމެވެ. ޑޮޕަމިން އަކީ ސިކުނޑީގެ ހަރަކާތްތަކާއި ކޯޑިނޭޝަން ކޮންޓްރޯލް ކުރާ ބަޔަށް މެސެޖު ފޮނުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ނިއުރޯޓްރާންސްމިޓަރެކެވެ.
ޕާކިންސަން ބަލީގެ ސަބަބުތައް
ޕާކިންސަން ބަލީގެ ސީދާ ސަބަބު ފުރިހަމައަށް ނޭނގުނު ނަމަވެސް މިއީ ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކެއް ގުޅިގެން ދިމާވާ ކަމެއް ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ؛

ޕާކިންސަން ބައްޔަކީ ޕްރޮގްރެސިވް ނިއުރޯޑިޖެނެރޭޓިވް ޑިސްއޯޑަރ؛ މުހިންމު ގޮތެއްގައި ހަރަކާތްތެރިކަމަށް އަސަރުކުރާ ބައްޔެކެވެ
ޖެނެޓިކް ފެކްޓަރސް: ވަކި ޖެނެޓިކް މުއުޓޭޝަންތަކެއް ޕާކިންސަން ބައްޔާއި ގުޅުންހުރި ކަމަށް ބެލެވިފައިވީނަމަވެސް މިއީ އާއިލީ ކޭސްތަކުގައި ގިނައިން ދިމާވާ ކަންކަމެވެ.
ތިމާވެށީގެ ކަންތައްތައް: ޕެސްޓިސައިޑް އަދި ހެވީ މެޓަލްސް ފަދަ ވިހަ މާއްދާތަކަށް ހުށަހެޅުމުން ޕާކިންސަންސް ޖެހުމުގެ ނުރައްކާ އިތުރު ވެދާނެ އެވެ.
އުމުރާއެކު ޕާކިންސަންގެ ނުރައްކާ އިތުރުވެ، އާންމުކޮށް 60 އަހަރުން މަތީގެ މީހުންނަށް މިބަލި ޖެހެ އެވެ.
އަންހެނުންނަށްވުރެ ފިރިހެނުންނަށް ޕާކިންސަން ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ޕާކިންސަން ބަލީގެ އަލާމާތްތައް
ޕާކިންސަން ބަލީގެ އަލާމާތްތައް އެކި މީހުންނަށް ތަފާތު ވެދާނެއެވެ. ނަމަވެސް އާންމުކޮށް ހިމެނެނީ:
ތުރުތުރުއެޅުން ނުވަތަ ރޫރޫ އެޅުން: ތުރުތުރު އެޅުން، އާންމުކޮށް ފެށެނީ ގުނަވަނަކުންނެވެ. ގިނަ ފަހަރަށް އަތް ނުވަތަ އިނގިލިތަކުންނެވެ.
ބްރެޑައިކިނޭޝިއާ: ހަރަކާތްތެރިކަން މަޑުޖެހި، ސާދާ މަސައްކަތްތައް އުނދަގޫވެ، ވަގުތު ނަގާތީއެވެ.
މަސްތަކުގެ ހަރުކަށިކަން: މަސްތަކުގައި ހަރުވުން، މިއީ ހަރަކާތުގެ ރޭންޖް ހަނިވެ ތަދުވާ ކަމެކެވެ.
ޕޯސްޗަރަލް އިންސްޓޭބިލިޓީ: ބެލެންސް އާއި ކޯޑިނޭޝަން ދަށްވެ، ވެއްޓުމުގެ ނުރައްކާ ބޮޑުވެއެވެ.
އެހެން އަލާމާތްތައް: މީގެ ތެރޭގައި ވާހަކަ ދެއްކުމަށް ބަދަލު އައުމާއި، ލިޔުމަށް ބަދަލު އައުމާއި، ޑިޕްރެޝަން، ނިދި ގޯސްވުން، އަދި ކޮގްނިޓިވް އިމްޕެއަރމަންޓް ފަދަ މޮޓޯރ ނޫން އަލާމާތްތައް ހިމެނިދާނެއެވެ.

ފޫހިނުވެ އަޅާލުން ދީ އޯގާތެެރިވާާށެވެ…..
ޕާކިންސަންސް ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟
ޕާކިންސަންސް ބަލި ހުންނަ މީހަކަށް ޖިސްމާނީ ގޮތުން އަނިޔާއެއް ނުވަތަ ޓްރޮމާއެއް ލިބިއްޖެނަމަ އެކަމުގެ ސަބަބުން އޭނާގެ އަލާމާތްތައް އިތުރަށް ގޯސްވެދާނެ އެވެ. އެ ސްޓްރެސް އާއި ޖިސްމާނީ އަސަރުގެ ސަބަބުން ތެޅުން އިތުރުވުމާއި، ހަރުވުން އިތުރުވުމާއި، ޖުމްލަކޮށް އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. ޕާކިންސަންސް ޖެހިފައިވާ ފަރުދުންގެ ބެލެންސް އާއި ކޯޑިނޭޝަން މިހާރުވެސް ގެއްލިފައިވާތީ، ވެއްޓިދާނެ ނުވަތަ އަނިޔާވެދާނެ ހާލަތްތަކުން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ.
ޕާކިންސަންސް އަށް އެއްވެސް ފަރުވާއެއް ވޭތަ؟
މިވަގުތު ޕާކިންސަންގެ ބައްޔަށް ސީދާ ވަކި ފަރުވާއެއް ހޯދިފައިނުވި ކަމުގައި ވިޔަސް ނަމަވެސް އެކިއެކި ފަރުވާތަކުގެ ސަބަބުން ބަލި އިތުރަށް ގޯސްނުވެ ދުވަސްކޮޅަކު ހިފަހައްޓާލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- އާންމުކޮށް ބޭނުން ކުރާ ޑޮކްޓަރުން ދީފައި ހުންނަ ބޭސް އެންމެ އާންމުކޮށް ބޭނުން ކުރާ ބޭސްތަކަކީ ޑޮޕަމިންގެ މިންވަރު އިތުރުކޮށްދޭ ނުވަތަ އޭގެ އަސަރުތައް ނަކަލު ކުރާ ބޭސްތައް ކަމަށްވާ ލެވޮޑޯޕާ، ޑޮޕަމިން އެގޮނިސްޓްސް، އަދި އެމްއޭއޯ-ބީ އިންހިބިޓަރސް އެވެ.
- ސާޖިކަލް ފަރުވާތައް: ޑީޕް ބްރޭން ސްޓިމިއުލޭޝަން (ޑީބީއެސް) އަކީ ހަރަކާތްތެރިވުމުގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ސިކުނޑީގައި އިލެކްޓްރޯޑް ޖަހައިގެން ސާޖިކަލް އޮޕްޝަނެކެވެ.
- ފިޒިކަލް ތެރަޕީ: ކަސްރަތާއި ފިޒިކަލް ތެރަޕީގެ ސަބަބުން މޮބިލިޓީ، ފްލެކްސިބިލިޓީ، އަދި ބެލެންސް ރަނގަޅު ކުރެވިދާނެއެވެ.
- ސްޕީޗް ތެރަޕީ: މިއީ ވާހަކަ ދެއްކުމާއި ނިވާކުރުމުގައި ދަތިތަކެއް ކުރިމަތިވުމަށް އެހީތެރިވެދޭ ކަމެކެވެ.

ގޭތެރޭގެ މާހައުލަކީ އުފާވެރި ތަނަކަށް ހަދައިދީ، ފިރުމައިދީ ހިދުމަތްްދޭށެވެ. ކުޑަދުވަސްކޮޅުގެ ލޯތްބަށް ވަފާތެރިވާށެވެ!
ގޭގައި ފަރުވާ ދިނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން
ބޭސްފަރުވާއަކީ ކޮންމެހެން ބޭނުންތެރި ކަމެެ ނަމަވެސް، ގޭގައި ފަރުވާ ދިނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ ޕާކިންސަންގެ އަލާމާތްތައް މެނޭޖް ކުރުމަށް އެހީތެރި ވެދޭނެ ކަމެކެވެ.
- ގަވާއިދުން ކަސްރަތު ކުރުން: ހިނގުމާއި، ފެތުމާއި، ޔޯގާ ފަދަ ހަރަކާތްތަކުގެ ސަބަބުން މަސްތަކުގެ ވަރުގަދަކަމާއި، ފަސޭހަކަމާއި، ބެލެންސް ރަނގަޅުކޮށްދޭނެއެވެ.
- ހެލްތީ ޑައިޓް: މޭވާ، ތަރުކާރީ، ހޯލް ގްރޭންސް، އަދި ލީން ޕްރޮޓީންސް އިން މުއްސަނދި ބެލެންސްޑް ޑައިޓަކީ ޖުމްލަ ސިއްހަތަށް އެހީތެރިވެދޭނެ ބާވަތްތަކެވެ.
- އެކަށީގެންވާ ނިދި: ރަނގަޅު ނިދުމުގެ ސާފުތާހިރުކަން ކަށަވަރުކުރުމަކީ ވަރުބަލިކަމާއި އެހެނިހެން އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
- ސްޓްރެސް މެނޭޖްކުރުން: ‘މެޑިޓޭޝަން'(އެސެންޝަލް އޮއިލް އަޅާފައި ހުންނަ މެރިޓޭޓް ބައްތިތަކާއި ސިކުނޑިއަށް އަރާމު ލިއްބައިދޭކަހަލަ ވަސްތައް، އަޑުއަހާ ހިތްވާކަހަލަ އަޑުތައް، (ދީނީ ގޮތުންވެސް، ރީތި ރާގުތަކަށް ނަލަ އަޑުތަކުން ޤުރުއާން ކިޔަވާއަޑުތަކާއި ހިތަށް އުފާވެރިކަން ލިއްބައިދޭކަހަލަ ވާހަކަތައް އަޑުއެހުން، ފުންނޭވާ ލުމުގެ ކަސްރަތު، އަދި ސިކުނޑިއަށް ލުއިވާ ފަދަ އުކުޅުތަކުގެ ސަބަބުން ހާސްވެ ކަންބޮޑުވުން ދުރުކޮށްދޭނެ.
ގޭގެ ރައްކާތެރިކަން: ގޭގެ މާހައުލު ރައްކާތެރިކޮށް، ގޭތެރޭގައި ސާމާނު ތަރުތީބުން ބެހެއްޓުމާއި ހިފާގެންގުޅޭ ތަކެތިވެސް އެހީތެރި އާލާތްތައް ބޭނުން ކުރުމުގެ ސަބަބުން ވެއްޓުމާއި އަނިޔާވުން ހުއްޓުވޭނެއެވެ.
ޕާކިންސަންގެ ބައްޔަކީ ފަރުވާއެއް ނޭނގޭ ދަތި އުނދަގޫ ހާލަތެއް ނަމަވެސް ރަނގަޅު ބޭސްފަރުވާއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން ފަރުދުންނަށް އެމީހުންގެ އަލާމާތްތައް މެނޭޖްކޮށް ދިރިއުޅުމުގެ ރަނގަޅު ފެންވަރެއް ދެމެހެއްޓޭނެ އެވެ. އެ ފަރުދެއްގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ފުރިހަމަ ފަރުވާގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާ ގާތުން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ހަށިގަނޑުގެ މަސްތައް ހަރުވެ ގަދަވުމާއި ތުރުތުރު އެޅުން ދާނީ ބޮޑުވަމުން
ޕާކިންސަންސް ބައްޔަކީ ހަށިގަނޑަށް ވަރަށް ބޮޑު ބުރައެއް ކުރިމަތިކުރުވާ ބައްޔަކަށް ވާއިރު މި ބަލީގެ ސަބަބުން ބައެއް މީހުންނަށް ނުރައްކާތެރި އަދި ފުރާނައަށް ނުރައްކާވާފަދަ އިންފެކްޝަންތައްވެސް ޖެހެއެވެ. ނަމަވެސް ފަރުވާގެ ރޮނގުން ކުރިއެރުންތަކެއް ލިބިފައިވާތީ، މިހާރު ގިނަ ޕާކިންސަންސް ބަލި ޖެހޭ މީހުންގެ އުމުރު އާންމު މީހުންނާ އެއްވަރަށް ނުވަތަ ގާތްގަނޑަކަށް އެއްވަރަށް ދިގުވެއެވެ. އެހެންނަމަވެސް އެމީހާއަށް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ކަން ހަނދާން ނައްތާނުލާށެވެ. ޕާކިންސަންސް އަކީ ދުވަހަކަށްވުރެ ދުވަހެއް މީހާގެ ހަށިގަނޑުގެ މަސްތައް ހަރުވެ ގަދަވުމާއި ތުރުތުރު އެޅުން ދާނީ ބޮޑުވަމުންނެވެ. ޕާކިންސަންސް އަކީ ގޮތަކަށް ބަލާނަމަ ނާރުތަކަށް އަސަރުކުރާ ބައްޔެކެވެ. އަދި ސިކުނޑީގެ ދައުރު ބޮޑު ބައްޔެއްވެސްމެއެވެ. ދުވަހެއްދުވަހަަކަށް މަޑުމަޑުން ހަރަކާތްތެރިކަން މަޑުވުމާއި ހަނދާނުން ކަންކަން ފޮހެވެމުންދާން ފަށާނެއެވެ، އަދި މިއީ އެންމެ އެހީތެރިކަން ބޭނުންވާ ހިސާބަށް މީހާ ދިޔައީކަން ދަންނަން ވާނެއެވެ.
ތިމާގެ މައިންބަފައިން ނޫނީ އާއިލާގެ ދޮށީ މީހަކަށް ޕާކިންސަންސްޖެހިގެން އުޅޭނަމަ އަދި އެއީ ތިމާގެ ޒިންމާގެ ދަށުގައި ހުރި މީހެއްނަމަ، ކުޑައިރު ތިމާއަށް އެކައްޗެއްވެސް ނޭނގުނުއިރު ފޫހިކަމެއް ވަރުބަލިކަމެއް ނެތި ލޯބިވާ މި އިންސާނާ ކޮށްދިން ކަަންކަން ހަނދާންކުރާށެވެ. ޕާކިންސަންސް ފަދަ ހިތްދަތި ބައްޔެއް ލޯބިވާ މީހަކަށް ޖެހިއްޖެނަމަ އެމީހާއަށް އޯގާތެރިވެ އަޅާލައި ލޯބިދޭށެވެ. އެއީ އެބަލިމީހާގެ އެއްދުވަސް އުފާވެރިކޮށްދެވިދާނެ ކަމަކަށްވިޔަސް އެކަމެއް ވެސް ކޮށްދިނުމަކީ ތިމާއަށް ވެސް ލިބޭނެ ތަފާތު އުފަލަކަށް ވާނެކަން ޔަގީނެވެ.
(ލިޔުމުގައިވާ މައުލޫމާތު ނެގީ ހެލްތީލައިފް އާއި މާޔޯކްލިނިކް ލިޔުންތަކުންނެވެ، އިތުރު މައުލޫމާތަށް އެހީ ހޯދީވެސް ލިޔުން ޗެކްކޮށްދެއްވި ޑޮކްޓަރ ހަދީޖާޝާހީ އަދި ޑރ ހީމަންތުރާއީ ފަރާތުންނެވެ.)

