ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރޭނުގެ ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާ އާ ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު ބަހްރައިންގެ ވަލީ އަހުދު އާއި ބައްދަލު ކުރައްވާފައިވަނީ މިވަގުތު އެ މިނިސްޓަރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ބަހްރައިންގެ ވަލީއަހުދާއި ބައްދަލު ކުރައްވާފައިވާ ކަން ހާމަކޮށް ފޮރިން މިނިސްޓަރު އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ.
މި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ ބަހްރޭނުގެ ވަލީއަހުދު އާއި ބައްދަލު ކުރައްވައި، ރައީސް، ޑރ. މުހައްމަދު މުއިއްޒު، ބަހްރޭނުގެ ރަސްގެފާނު، ހަމަދް ބިން އިސާ އަލް ޚަލީދާއަށް ފޮނުއްވި ސިޓީފުޅެއް ވެސް ވަލީއަހުދުއާއި ހަވާލު ކުރައްވާފައިވާ ކަމަށެވެ.
ބަހްރައިން ގެ ވަލީ އަހުދަކީ އެ ގައުމުގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު ވެސް މެއެވެ.
މިނިސްޓަރު ޒަމީރު ބަހްރޭނަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ބަހްރޭނުގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުލްއާތިފު ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.

