ގާބިލް ދިވެހި ޒުވާނުން އެބަތިބި ކަމަށާއި ޒުވާނުންނާއެކު އެގޮތުގައި ހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ޒުވާން އުމުރަކީ ތަޖުރިބާކުރުމުގެ އުމުރު ކަމަށާއި އަދި ހޯދުންތަކާއި ހަލުވިކަމުގެ އުމުރު ކަމަށާއި މި ހަގީގަތަށް ބިނާކޮށް ތަޖުރިބާގެ ފުރުސަތު ރާއްޖޭގެ ޒުވާނުންނަށް ހޯދައިދިނުމަށް ރޭވި ތަރުތީބުވެގެންވާ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުން ހަވާސާވީ ދުވަސް ނޮވެމްބަރު 17، 2023 ގައި މާޒީވެއްޖެ ކަމަށާއި އަމާޒަކީ މަސައްކަތާއި ހުނަރުގެ ތެރެއިން ޒުވާނުން ވަޒީފާއަށް ނެރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެހެން ގިއަރެއްގައި ކުރިއަށްގެންދަވާ ކަމަށާއި އެގޮތުން މި ވެރިކަމުގައި، މިވަގުތު 180 ޒުވާނުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާއިރު، 60 އިތުރު ޒުވާނުން ޕްރޮގްރާމް ފުރިހަމަކުރަމުންގެންދާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްކަމެއް ކޮށްގެން ނޫނީ އަނެއްކަމެއް ނުކުރެވޭކަން ކަމަށާއި އަދި ކަމެއް ކޮށްގެން ނޫނީ ކާމިޔާބެއް ނުހޯދޭނެކަން ކަމަށެވެ.
މިކަން ގަބޫލުކޮށް، މި ހަގީގަތާ ކުރިމަތިލުމަށް އިލްތިމާސް ކުރާ ކަމަށާއި އާ އަޒުމަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު، ސާފު އަމާޒެއް ކަނޑައަޅައި އެ އަމާޒު ހާސިލްކޮށް ތިމާ ދެކޭ މުސްތަގުބަލުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ވެސް އިލްތިމާސް ކުރާ ކަމަށް ވިދާޅުވިއެވެ.

