ކުޑައިރު އެންޓިބަޔޮޓިކް ބޭނުންކުރުމުން ބޮޑުވުމުން ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ނުރައްކާ އިތުރުވާކަން ދައްކުވައިދޭ އައު ހޯދުމެއް ދިރާސާތަކުން ވަނީ ހޯދިފައެވެ.. މި ހޯދުމާއެކު، މި ބަލި ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ވަނީ ހާމަވެފައެވެ.
ކުޑަކުދިންނަށް ބަނޑުގެ ބެކްޓީރިއާއިން އުފައްދާ ވަކި މޮލެކިއުލްއެއް ކާނާގެ ސަޕްލިމަންޓެއްގެ ގޮތުގައި ދިނުމުން، ބޮޑުވުމުން ޖެހޭ ނޭވާހިއްލުމުގެ ބަލިން ރައްކާތެރިކޮށްދެވިދާނެ ކަމަށް ބެލެވެއެވެ.
ފަހަކަށް އައިސް ކުރެވިފައިވާ ޢިލްމީ ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި، ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމުން އެސްތުމާ ނުވަތަ ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމުން ހަށިގަނޑުގެ މައިކްރޯބަޔޯމްގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރެއެވެ. މީގެ ތެރޭގައި ގޮހޮރުގެ މައިކްރޯބަޔޯޓާއާއި ނޭވާލާ ނިޒާމުގެ މައިކްރޯބަޔޯޓާއަށް އަންނަ ބަދަލުތައް ހިމެނެއެވެ. ހަށިގަނޑުގެ ސިއްޙަތަށް ފައިދާހުރި ބެކްޓީރިއާތަކުގެ އާބާދީއަށް ބަދަލު އައުމަކީ ދިފާޢީ ނިޒާމު ހަރުދަނާވުމަށް އަސަރުކުރާނެ ކަމެކެވެ. އަދި ނޭވާލާ ނިޒާމުގައިވާ ބެކްޓީރިއާތަކަށް އަންނަ ބަދަލުތަކުން ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެދާނެއެވެ. މި ދިރާސާގެ އެންމެ މުހިންމު ހޯދުމަކީ، ބަނޑުގެ ބެކްޓީރިއާއިން އުފައްދާ ވަކި މޮލެކިއުލްއެއް ފާހަގަކުރެވުނު ކަމެވެ. މިއީ ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ނުރައްކާ އޮތް ކުދިންނަށް އެ ބަލި ނުޖެހުމަށް ދެވިދާނެ ފަސޭހަ ފަރުވާއެއް ނުވަތަ ކާނާގެ ސަޕްލިމަންޓެއްގެ ގޮތުގައި ތަޖުރިބާކުރެވިދާނެ އެއްޗެކެވެ.

ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމުން އެސްތުމާ ނުވަތަ ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ.
އެންޓިބަޔޮޓިކް ބޭނުންކުރުމުން ދިފާޢީ ނިޒާމުގެ ތަރައްޤީއަށްވެސް އަސަރުކުރެއެވެ. ޅަފަތުގައި މައިކްރޯބިއަލް ކަންކަމަށް ހުށަހެޅުން މަދުވުމަކީ ނޭވާހިއްލުން ހިމެނޭގޮތަށް އެލަރޖީގެ ބަލިތަކުގެ ނުރައްކާ އިތުރުވެދާނެ ކަމެކެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ޖަވާބުތަކަށާއި އިންފްލެމޭޓަރީ މަގުތަކަށް ބަދަލު އައިސް، ނޭވާހިއްލުމުގެ ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެދާނެއެވެ. އެހެންކަމުން، ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމުގައި ވިސްނުންތެރިކަމާއެކު ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ.
ދުނިޔޭގައި 260 މިލިއަނަށްވުރެ ގިނަ މީހުންނަށް ނޭވާހިއްލުމުގެ ބަލި ޖެހިފައިވާއިރު، އަހަރަކު 455,000 މީހުން މި ބަލީގެ ސަބަބުން މަރުވެއެވެ.
ޕްރޮފެސަރ ބެން މާސްލޭންޑްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު މި ދިރާސާ "އިމިއުނިޓީ" ޖާނަލްގައި ޝާއިޢުކޮށްފައިވެއެވެ. މި ދިރާސާއިން ފާހަގަކުރެވުނު އައި.ޕީ.އޭ ކިޔާ މޮލެކިއުލްއަކީ ދިގު މުއްދަތަކަށް ނޭވާހިއްލުމުގެ ބަލިން ރައްކާތެރިވުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ދައްކުވައިދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންގެ އުމުރުގައި އެންޓިބަޔޮޓިކްސް ގިނައިން ބޭނުންކުރުމުން މީހެއްގެ ހަށިގަނޑުގެ ސިއްޙަތަށް ފައިދާހުރި ބެކްޓީރިއާތަކަށް ނޭދެވޭ އަސަރުކޮށް، އެލަރޖީ އަދި ނޭވާހިއްލުމުގެ ބަލި (އެސްތްމާ) ޖެހުމުގެ ފުރުސަތު އިތުރުވެދާނެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ސަބަބުން އައިޕީއޭ (IPA) އުފައްދާ ބެކްޓީރިއާ މަދުވެ، އެސްތަމާ ކޮންޓްރޯލްކުރުމަށް މުހިންމު ދައުރެއް އަދާކުރާ މޮލެކިއުލްއެއްގެ އުފެއްދުންތެރިކަން ދަށްވާކަން މިހާރު ވަނީ ދެނެގަނެވިފައެވެ،" ޕްރޮފެސަރ މާސްލޭންޑް ވިދާޅުވިއެވެ.
އިތުރަށް ޕްރޮފެސަރ މާސްލޭންޑް ފާހަގަކުރެއްވި ގޮތުގައި، ސިއްޙަތަށް ފައިދާހުރި މައިކްރޯބަޔޯޓާ ތަރައްޤީވުމަށް އުމުރުން ފުރަތަމަ އަހަރުތަކަކީ ނުހަނު މުހިންމު ދުވަސްވަރެކެވެ.

ދުނިޔޭގައި 260 މިލިއަނަށްވުރެ ގިނަ މީހުންނަށް ނޭވާހިއްލުމުގެ ބަލި ޖެހިފައިވޭ
"މި މުހިންމު ތަރައްޤީގެ މަރުޙަލާ ބިނާވެގެންވަނީ ފުރަތަމަ ކާނާގެ މައްޗަށެވެ. މީގެ ތެރޭގައި މައިމީހާގެ ކިރާއި ހަރުކާނާ ދެބައި ހިމެނެއެވެ. މީގެ އިތުރުން، ޖެނެޓިކް ސިފަތަކާއި ވަށައިގެންވާ މާހައުލުގެ އަސަރުވެސް މިކަމުގައި ހިމެނެއެވެ. އެލަރޖީއާއި އެސްތަމާގެ ނުރައްކާ ބޮޑު ކުޑަކުދިންގެ ގޮހޮރުގެ މައިކްރޯބަޔޯމް ތަރައްޤީވުން ލަސްވެ، އޭގެ ޠަބީޢީ އެކުލެވުން ގެއްލިފައިވާކަން ޢިލްމީ ހެކިތަކުން ދައްކުވައިދެއެވެ،" ޕްރޮފެސަރ މާސްލޭންޑް ވިދާޅުވިއެވެ.
ގޭތެރޭގައި އުފެދޭ ކުނޑީގެ މައްސަލަތަކުގެ ސަބަބުން، އާންމު ގޮތެއްގައި އެލަރޖީ ނުވަތަ ނޭވާހިއްލުމުގެ ޙާލަތްތައް މެދުވެރިވެއެވެ. މި ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ދިގު މުއްދަތަކަށް ދެމިގެންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، މައިކްރޯބައޯމްއާއި އައިންޑޯލް-3-ޕްރޮޕިއޯނިކް އެސިޑް (އައިޕީއޭ) ގެ މިންވަރު އާންމު ޙާލަތަށް އަނބުރާ ދިޔަ ނަމަވެސް، މި ފުރުޞަތު ދެމިގެންދެއެވެ.
މި ހޯދުންތަކުން ދޭހަވަނީ، އައިޕީއޭ މޮލެކިއުލްގެ ދައުރު ދިރިއުޅުމުގެ ކުރީކޮޅު ވަރަށް މުހިންމުކަމެވެ.
މި ދިރާސާގައި ލެބޯޓްރީގައި ކުރެވުނު ތަޖުރިބާތަކުގައި، ކުޑައިރު އައި.ޕީ.އޭ މޮލެކިއުލް އިތުރުކުރެވުނު ފަރާތްތައް، ބޮޑުވުމަށްފަހު ގޭތެރޭގެ ހިރަފުހާ އެހެނިހެންވެސް އެލަރޖީ ނުވަތަ ނޭވާލުމުގެ ބަލިތައް ނުޖެހޭކަން ދިރާސާކުރި ފަރާތްތަކަށް ފާހަގަކުރެވުނެވެ.

