ރާއްޖެއަށް ވައިގެ މަގުން އެތެރެވާ ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއަށް އަންނަ ބޭރުމީހުން “ޓްރެވެލާ ޑެކްލެރޭޝަން” ނުވަތަ “އިމުގާ” ފޯމު ފުރުމުގެ އުސޫލު އިތުރަށް ހަރުދަނާކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިމިގްރޭޝަނުން ނެރުނު ސާކިއުލާއެއްގައެވެ.
އެ އިދާރާއިން ނެރުނު ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވައިގެ މަގުން ރާއްޖެއަށް ވަޑައިގަންނަވާ ހުރިހާ ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި އެއަރލައިންތަކުގެ ފަޅުވެރިން އިމުގާ ފޯމު ފުރުމަކީ ލާޒިމު ކަމެކެވެ.
މީގެ އިތުރުން، ރާއްޖެއަށް އައުމުގެ 96 ގަޑިއިރު ކުރިން އޮންލައިން ޕޯޓަލް މެދުވެރިކޮށް އިމުގާ ހުށަހެޅުމަކީވެސް މަޖުބޫރު ކަމެއްގެ ގޮތުގައި ސަރކިއުލަރގައި ފާހަގަކޮށްފައިވެއެވެ.
އެއަރލައިންތަކުން ވަނީ ރާއްޖެއަށް އަންނަ ކޮންމެ ފްލައިޓެއްގެ ފަސިންޖަރުންނަށް މި ކަން އެންގުމުގެ އިތުރުން، ފްލައިޓަށް އެރުމުގެ ކުރިން އެ ފޯމު ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް އިމިގްރޭޝަނުން އަންގާފައެވެ.
މި އުސޫލާ އެއްގޮތަށް ޢަމަލުނުކުރާ އެއަރލައިންތަކާ މެދު ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރުވެސް އިމިގްރޭޝަނުން ދީފައިވެއެވެ.

