މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިފާޢީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވީ ސިފައިން ދަނީ ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ފެން ހިންދުމުގެ މަސައްކަތުގައިވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށް ޣައްސާން ވިދާޅުވިއެވެ.
މިއަދު މެންދުރު ކުރިން ފެށިގެން ހުއްޓާ ނުލާ މާލެއަށް ދަނީ ވާރޭ ވެހެމުންނެވެ. މިއާ އެކު މާލޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ފެން ހިނދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން އދ އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ.
އޮރެންޖު އިންޒާރު ނެރެފައިވަނީ 14:15ން މިރޭ 18:15 އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކ. އަތޮޅުން އދ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮރެންޖު އިންޒާރަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.
މީގެއިތުރުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު 18:30އާ ހަމައަށްވަނީ ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެއެވެ.
ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި27 މޭލަށެވެ. އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

