“ހޯޕް އައިލެންޑު”ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފި ކަމަށާއި ކުރިއަށް އޮތީ ފައިނެންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވަނީ “ހޯޕް އައިލެންޑު” ގެ ކުރެހުމުގެ މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ. މިހާރު ކުރިއަށް އޮތީ މި މަޝްރޫޢު ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އަލީ އިޙްސާން އިތުރަށް ވިދާޅުވީ، ފައިނޭންސް ކުރާނެ މޮޑެލް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.
“ހޯޕް އައިލެންޑު” އަކީ ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކޮށް، އެކުދިން ރަނގަޅު މަގަށް ގެނައުމަށް ޤާއިމްކުރާ ރީހެބިލިޓޭޝަން ފެސިލިޓީއެކެވެ. މި މަޝްރޫޢު ޤާއިމްކުރުމަށް ނިންމާފައިވާކަން ދާޚިލީ ވަޒީރު އިޙްސާން ހާމަކުރެއްވީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް ނިންމާފައެވެ. މިނިސްޓަރު ވިދާޅުވީ މި ބަދަލު ގެންނަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.
ގާނޫނަށް މި ބަދަލުތައް ގެނައި ނަމަވެސް، 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެކަމަށާއި އަދި މި ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ސާފުކޮށް ބަޔާންކުރާނެ ކަމަށްވެސް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
“ހޯޕް އައިލެންޑު”ގެ ގޮތުގައި ދ. ވާނީ ހަމަޖައްސާފަވާއިރު އެއްފަހަރާ 400 ކުދިން މިތަނުގައި ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެއެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެއެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

