ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އާންމުންނަށް ދިމާވެފައިވާ ދަތިތަކުގައި އެހީތެރިވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން މަގުމައްޗަށް ނުކުމެ ހަރަކާތްތެރިވަމުންދާ ކަމަށާއި އާންމުންނަށް ދިމާވާ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އެއްވެސް ފަސްޖެހުމެއް ނެތި އެހީވާން ނުކުންނާނެ ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، މާލޭގައި ގޭގެއަށް ފެންވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ދަނީ މާލެ ސިޓީގައި ހަރަކާތްތެރިވަމުންނެވެ. އަދި ސްޓެލްކޯއިން ޚިހިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުންވެސް މިވަގުތު ވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.
"ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ބައެއް މުވައްޒަފުން، މަގުތަކުން ފެންހިއްކުމުގެ މަސައްކަތުގައި ނުކުމެ އުޅުމުގެ ތެރެއިން…..ފޮޓޯ:ސްޓެލްކޯ
ފަހުމީ ވިދާޅުވީ، ދިވެހިރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދަވަނީ ތައުރީފު ހައްގު، ހިތްވަރާއި ޖޯޝުން ފުރިގެންވާ ނަމޫނާއެއް ކަމަށެވެ. އަދި ގައުމީ ރޫޙުގައި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފަހުރުވެރިކަމާއިއެކު ޝުކުރު ދަންނަވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
"ގައުމީ ރޫޙުގައި މުވައްޒަފުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަށް ފަހުރުވެރިކަމާއިއެކު ޝުކުރު ދަންނަވަން. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ރޫހު ސްޓެލްކޯގެ މުވައްޒަފުންގެ ގައިގައި އަށަގަނެފައިހުރީ ޒަމާނުއްސުރެ ވަރުބަލިކަމެއް އަދި ފޫހިކަމެއްނެތި އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ހިދުމަތުގެ ސަބަބުން،" ހުސައިން ފަހުމީ ވިދާޅުވިއެވެ.
މި ވިއްސާރައިގައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ޕަންޕުކުރުމާއި، ކަރަންޓު މެދުކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު އަލުން ގުޅައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ކަރަންޓު ވިއުގަ މަރާމާތުކުރުމުގެ މަސައްކަތްވެސް ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

