މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސާޖަންޓް ފަސްޓް ކްލާސް ނަސްރުﷲ އަހުމަދު، އޭނާގެ 95 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަތީފަށް މިއަދު ހަދިޔާކުރައްވައިފިއެވެ.
މި ހަދިޔާ ނައިބުރައީސަށް އެރުވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ނަސްރުﷲ ގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް ހިތްވަރުދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނަސްރުﷲ ބޭނުންފުޅުވާ ކަންކަން އޮޅުންފިލުއްވައި އެކަންކަމުގައި ސަރުކާރުން ދެއްވެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
ނަސްރުﷲ މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފައްޓަވާފައިވެއެވެ. އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އަހަރަކީ 2018 ވަނަ އަހަރެވެ. އެއީ އެ އަހަރު 13 މެރެތަންގައި ބައިވެރިވެވަޑައިގެން، އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވުނު އަހަރެވެ.
ނަސްރުﷲ ގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.

