"ކަމަކަށް ގޮވާލިއްޔާ މިގައުމުގެ ރައްޔިތަށްޓަކައި، އަމަށުން ހުރިއްޔާ އެތާ އެކަކަށް މަ ހުންނާނަމޭ!"
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ ސިޓީއަށް އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައިވެއެވެ. މިކަމުގެ ސަބަބުން މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި، ސައިކަލާއި ކާރުފަދަ އުޅަނދުފަހަރު ދުއްވުމަށް ވަރަށް ބޮޑަށް ދަތިވެފައިވެއެވެ. އަދި ގޭގެއަށްވެސް ފެންވަދެ، ގިނަ ރައްޔިތުންތަކެއް ވަނީ ދަތި ހާލުގައި ޖެހިފައެވެ. ގޭގެއަށް ފެން ވަނުމާއި މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ނުހަނު ދަތި މިދަނޑިވަޅުގައި ގޭގޭ ދޮރުތައް މަތީ ވެލިބަސްތާ ޖަހައިދިނުމާއި މަގުތަކުން ފެން ހިއްކުންފަދަ ކަންކަމުގައި އަވަސް ހަލުވިމިނުގައި ހަރަކާތްތެރިވާން ފެށީ ހަމައެކަނި ގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ތިބޭ މިފަދަ ކަންކަމުގައިވެސް އެހީތެރިކަމަށް އެންމެ ފުރަތަމަ ނުކުންނަ ސިފައިންނާއި ފުލުހުންނެއް ނޫނެވެ. އެކަމަކު ގައުމުގެ ގާތްގަނޑަކަށްހެން ބޮޑެތި ހުރިހާ މުވައްސަސާތަކާއި މައި ކުންފުނިތަކުގެ ވެރިންނާއި އެތަންތަނުގެ މުވައްޒަފުން، ހިންގުންތެރިކަމާއެކު މަގުތަކުން ފެންނަމުން ދާ މަންޒަރަކީ ހިތަށް ފިނިކަން ދިން މަންޒަރެކެވެ. އެހެންކަމުން މިފަދަ ވަގުތުގައި ދިވެހި ސަރުކާރުން، ދައުލަތުގެ މުވައްސަސާތަކުން ދައްކުވައިދިން ރިވެތި ނަމޫނާގެ ވާހަކަ ދައްކާނުލައި ހަމަ ނުހުރެވުނީއެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ސިޓީކައުންސިލްގެ މުވައްޒަފުން، މޭޔަރ އާދަމްއާޒިމް
ގައުމުގެ ހާލަތު ކޮންމެ ކަމެއްގައިވެސް ދަތިވެގެންދާ ވަގުތުތަކުގައި މުވައްސަސާތަކުން މިފަހަކަށް އައިސް ދައްކަމުންދާ ނަމޫނާ އެހީތެރިކަމާއި އެއްބައެއް ވަންތަ ކަމަކީ އޭގެ ސަބަބުން ގައުމުގެ ނެތި ގޮސްފައިވާ އަހުވަންތަކަމާއި އެކުވެރިކަން އާވެ އާލާވެ ގުޅުންތައް ބަދަހިވެގެން ދިއުމަށް ލިބޭ ނުހަނު ބޮޑު ޔަގީންކަމަކާއި ހިތްވަރެކެވެ.
އިއްޔެއިން ފެށިގެން ހުއްޓުމެއް ނެތި މާލޭ ސަރަހައްދަށް ވާރޭވެހި މޫސުން ގޯސްވުމާއެކު މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށްވެސް ވަނީ ނުހަނު ބޮޑަށް ދަތިވެފައެވެ. އަދި ގޭގެއަށް ފެންވަދެ، ބައެއް ގޭގޭގައި ފެންބޮޑުވުންވެސް ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައި ގިނަވަމުންނެވެ. އާދައިގެ މަތިން މި ހާލަތުގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުމެފައެވެ. މިގޮތުން 183 ގެއަކަށް ފެން ވަދެގެން ވެލިބަސްތާ ޖަހައިދީފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް މިއެހީތެރިވުމުގައި ބައިވެރިވީ ހަމައެކަނި ސިފައިންގެ ބޭފުޅުންނެއް ނޫނެވެ.

މިއަދު ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، އެއަރޕޯޓު ތެރޭގެ މަންޒަރެއް
މިއަދު ވެހުނު ބޯ ވާރޭގައި ދެން ފެނިގެން ދިޔައީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މަގުތަކަށް ނުކުމެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ފެށިތަނެވެ. މި ވިއްސާރާގައި ލިބެމުން ދާ ގެއްލުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި، ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުން އަންނަނީ މާލެސިޓީ ކައުންސިލާއެކު މަސައްކަތްކުރަމުންކަމަށް ސިޓީކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި
ސިޓީތަކާއި، ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވަރކްސްގެ މިނިސްޓްރީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން – އާރްޑީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ – މޯލްޑިވްސް
މޯލްޑިވިއަން ރެޑް ކްރެސެންޓް – މާލެ ސިޓީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)
މޯލްޑިވްސް ޕޮލިސް ސަރވިސް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހިމެނެއެވެ. މިއީ މާލެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ މުވައްސަސާތަކެވެ. މި މަސައްކަތުގައި ފެން ހިއްކުމާއި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރެވެމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް ރަށްރަށުގައިވެސް އެރަށްރަށުގެ ކައުންސިލުން ދަނީ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، މުވައްސަސާތަކުން ފެންހިއްކައި ގޭގެއަށް ވެލިބަސްތާޖަހައިދިނުމުގެ ތެރެއިން
މުވައްސަސާތަކުގެ މި ހިތްވަރާއި އެކުވެރިކަމުގެ މިސާލެއްނެތްފަދަ މަސައްކަތުގެ ތެރެއިން ރޭގެ މިހާތަނަށް އައި އިރު ދެން ފެނިގެން ދިޔަ އެންމެ ހިތްގައިމު އަނެއް މަންޒަރަކީ މާލެއަށް ވިއްސާރާވެ ފެންވަދެވެފައިވާ ބައެއް ގެތަކަށް މޭޔަރ އާދަމްއާޒިމް ޒިޔާރަތްކުރައްވާ އެގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމުގައި އުޅުއްވާ މަންޒަރެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ސްޓެލްކޯގެ މުވައްޒަފުން ދެއްކި ނަމޫނާ އަށް ތައުރީފު ކުރައްވައި ޝުކުރުއަދާ ކުރައްވާފައެވެ. ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް އުފަލާއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
މިއީ ހަމައެކަނި ސްޓެލްކޯގެ ވާހަކައެއް ނޫނެވެ. މިއަދު މުވައްސަސާތަކުން ދެއްކީ ނުހަނު ފުރިހަމަ ނަމޫނާއެކެވެ. ގައުމަށް ބޭނުން ޖެހޭ ވަގުތުތަކުގައި އަތުކުރި އޮޅާލަން އަދި އެހީތެރިކަން ފޯރުކޮށްދިނުމަށް "ހޭވައްލާ ތައްޔާރަށް، ކަމަކަށް ގޮވާލިއްޔާ މިގައުމުގެ ރައްޔިތުނަށްޓަކައި އަމަށުން މިތާ އެކަކަށް ހުންނާނެ"ކަން ދައުލަތުގެ މުވައްސަސާތަކުން މިއަދު ހަމަހަގީގަތުގައިވެސް ސާބިތު ކޮށްދީފިއެވެ. ހުވަދޫމީޑިޔާއިން ދައުލަތުގެ މި މުވައްސަސާތަކަށް ހާސްޝުކުރާއެކު ސާބަސް ދެމެވެ.

