އިއްޔެ ރާއްޖޭގެ ބޮޑުބަޔަކަށް ކުރި ވިއްސާރައާ ގުޅިގެން މިއަދު ސަރުކާރު ބަންދުކުރުމުން މާލޭ ސަރަހައްދުގައި ހުރި ސަރުކާރު ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުކޮށްފި އެވެ.
އޯޕީޑީ އަދި އެހެނިހެންވެސް ސަރުކާރުގެ ކްލިނިކަލް ހިދުމަތްތައް ބަންދުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.
އައިޖީއެމްއެޗްގެ އެކްސް ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނީ މޫސުން ގޯސްވުމާ ގުޅިގެން ރައީސް އޮފީހުން ސަރުކާރު މިއަދު ބަންދު ކުރައްވާފައިވާތީ އެ ހޮސްޕިޓަލުތަކުން ދެއްވަމުން ގެންދާ އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
“އޯގަސްޓު މަހުގެ 14 ވާ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ކަނޑައަޅުއްވާފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ހިދުމަތްތައް ބަންދުވާނެ” އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުކަމުގައި ވިޔަސް އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

