ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރު ރާސްތާ ޑިވެލޮޕްމަންޓް ޕްލޭން ހައްދަވައި މަސައްކަތް ކުރަން ޖެހޭކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެބައްދަލުވުމުގައި ވަޒީރުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ރަސީދު އާއި ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަރާހު އެވެ.
އެންޑީއެމްއޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ސެކެޓްރީ ޖެނެރަލް ސަފީނާޒް ހަސަން އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ވިއްސާރައިގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންނެވެ. އެގޮތުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރު ރާސްތާ ޑިވެލޮޕްމަންޓް ޕްލޭން ހައްދަވައި މަސައްކަތް ކުރަން ޖެހޭކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެ މައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ކައުންސިލުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓު ދަތިކަން ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

