އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ސަރުކާރުގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑރ މުޙައްމަދު އަލް ކުވައިތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.
ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫ.އޭ.އީ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުޞަތުތައް ފާހަގަކުރައްވައި އެއީ ދެޤައުމުގެ ދެމެދުގައި އޮންނަ އަޚްވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ރައީސް ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބަރ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫ.އޭ.އީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫޢު ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެޤައުމުގެ ދެމެދު އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.
ރައީސްއާއި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާގެ އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.

