ސޯޝަލް މީޑިޔާއިން ފެނުނު ވީޑިޔޯއެކެވެ. މަގުތަކުގައި ފެންބޮޑުުވެފައި އޮއްވާ ދެ ޒުވާނަކު އެ ފެންގަނޑުތެރޭގައި ބަކަ ތަޅަނިކޮށް ނަގާފައިވާ މި ވީޑިޔޯއަށް ދުއިސައްތައާ ގާތް ކުރާ ވަރަށް ކޮމެންޓް ކޮށްފައިވާއިރު އެ ހުރިހާ ކޮމެންޓެއްގައި ވެސް އޮތީ މައިގަނޑު އެއް ވާހަކައެކެވެ. އަދި އެއީ އަޅުގަނޑުގެ ކަންބޮޑުވުމަށްވެސް ވީ ވާހަކައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑު ވުމަކީ ވިއްސާރަވެ ބޯކޮށް ވާރޭ ވެހިއްޖެނަމަ ވަރަށް ވެސް އާންމު އެންމެނަށްވެސް އެނގޭ ކަމެކެވެ. މިއީ ކަންބޮޑުވާ ތަކުލީފު އުފުއްލަން ޖެހޭ މައްސަލައަކަށް ވާތީ ސަރުކާރުގެ މުވައްސަސާތަކުން މަގުތަކަށް ނުކުމެ ވީއެންމެ އަވަަހެއްކޮށް މަގުތަކުން ފެންހިއްކޭތޯ މަސައްކަތް ކުރާ ކަމީވެސް ވަރަށް ބޮޑު ހަގީގަތެކެވެ.
އެހެންނަަމަވެސް މިކަމަކީ އުފުލަން ޖެހޭ ތަކުލީފެއްކަން ނުވަތަ މިއީ މަޖާ ކަމެއްކަން ނުވަތަ ޅަދުވަހުގެ ހަނދާން އާކޮށްލުމަށް ކުރި ކަމެއްކަމެއް އެހެން ނޭނގެއެވެ. އެނގޭ ކަމަކީ ސޯޝަލްމީޑިޔާއިން ދައުރު ވަމުންދާ މި ވީޑިޔޯއިން މުޖުތަމައަށް ދޫކޮށްލާފައިވާ މެސެޖު ނުރަނގަޅު ކަމެވެ. އަދި މިފަދަކަމެއް ދެވަނަ ފަހަރު ތަކުރާރުކޮށް އެއްވެސް މީހަކު ކުރުން ހެޔޮވާނެ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ މިިއީ އެއްވެސް ހާލެއްގައި ރައްކާތެރި ކަމަކަށް ނުވުމެވެ.
އާންމު ދުވަހެއްގައި މާލޭގެ މަގުމަތި ހިތަށް ތަސައްވުރު ކޮށްލަމާތޯއެވެ. ހިރަފުހާއި ވެއްޔާއި ކިލާ މިއީ މަގެއްގައި އާންމު ތަކެއްޗެވެ. މިއަށްވުރެ ދުރަށް ނަޒަރު ފުންކޮށްލަމާތޯއެވެ. މަގުމައްޗަށް ކުޅު ޖެހުމާއި މަގުތަކަށް ނެރެފައި ހުންނަ ކުނިތަކުން ފައިބާ ކުނީގެ ދިޔަތަކާއި ކުނިތައް، މަގުތަކުން ހިނގާބިނގާވާ މީހުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކުގެ ތެރެއިން ކަރު ކެހިފައި ޖަހާ ކުޅު، ދުފާ ރަތްކޮށްލައިގެން ދަމުން ޖަހާލާ ރަތްކުޅުގަނޑުތައް، ބުޅަލުގެ ނަޖިސް، ދިރޭ އެހެނިހެން ތަކެތީގެ ނަޖިހާއި ބައެއް ދިރޭ ތަކެތި މަރުވެގެން އޭގެއިން އުފެދޭ ނަޖިސް، ފިހާރަތަކުން މަގުތަކަށް ނެރެވޭ ތަރުކާރީ މޭވާފަދަ ތަކެތި ކުނިވެގެން ފެތުރިގެންދާ ކުނި، މިހެން ގޮސް ހުސްވުމެއް ނެތް ދިގު ލިސްޓެކެވެ. ދެން މިއޮތީ ވާރޭ ވެހި މަގުތަކުގައި ފެންބޮޑު ވުމުން ވާ ގޮތުގެ ވާހަކައެވެ،

ހިކިފައި ހުރި ނަޖިސް ފެނާއެކު ދިޔާވެގެން ޖަރާސީމުތައް ދިރިގަންނާނެ
މިހުރިހާ ނަޖިހެއް އެއްކަލަ ފެނާއެކު ދައުރުވާން ފަށާނެއެވެ. ހިކިފައި ހުރި ނަޖިސް ފެނާއެކު ދިޔާވެގެން ޖަރާސީމުތައް ދިރިގަންނާނެއެވެ. ދާދި ފަހުން މަގެއްގެ މައްޗަށް ބޮޑުކަމުދާން މީހަކު އިން މަންޒަރެއް ވެސް ސޯޝަލް މީޑިޔާގައި ވައިރަލްވި ވީޑިއޯއަކުން ފެނުނެވެ. ކިތައް މީހުން ކުޑަކަމު ދާނެތޯއެވެ. މިއީ ނުދައްކާ ހުންނަ ވާހަކަތަކަށް ވިޔަސް ދޮގު ވާހަކަތަކެއް ނޫނެވެ. ދައްކަން ނުކެރޭ ލަދުވެތި ބޭއަދަބީ ވާހަކަތަކަށް ވިޔަސް މިއީ ހަގީގަތެވެ.
މިފަދައިން ބުނަން ނުކެރޭފަދަ އެތަކެއް ގިނަ ނަޖިސް އެކުވެފައި އޮތް ފެންގަނޑެއްގައި ބަކަ ތަޅަން ތިބީ ގައިމުވެސް މިގައުމުގެ ރައުސުލްމާލު ކަމަށްވާ ޒުވާނުންނެވެ. މިއީ ކޮން މަގުސަދެއްގައި ކުރި ކަމެއް ކަން ނޭނގުނު ކަމަށްވިޔަސް މީގެއިން ނުކުމެދާނެ ހިތި ނަތީޖާ ސާފެވެ. ގޮތްނޭނގޭ ބައްޔެއް ނުވަތަ ބަލިތަކެއް ޖެހިއްޖެނަމަ ދެން ހަދާނީ ކިހިނެއްތޯއެވެ. ލޮލަށް ނުފެންނަ އެތަކެއް ޖަރާސީމުތަކަކުން ފުރިފައި އޮތް ފެންގަނޑު ތެރޭގައި މިގޮތަށް ބަކަ ތެޅުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ވަރުގެ ކަންކަމެއް ނޫނެވެ. ބައެެއް ފަހަރު ސޯޝަލްމީޑިޔާގެ ސަމާލުކަން ހޯދަން ކޮށްލާ މިފަދަ ކަންކަމުން ނުކުމެދާނެ ހިތިނަތީޖާ ހިތަށް ނުގެނެވޭ ވަރަށް ބޮޑުވެދާނެކަން ވިސްނާލުން ރަނގަޅެވެ. ސަމާލުކަން ހޯދުމަށްވެސް ކުރަންވާނީ ރައްކާތެރި އަމާން ކަންތައްތަކެވެ. އަމުދުން ގައުމުގެ ޒުވާނުން މިފަދަ ތާކުންތާކު ނުޖެހޭ ކަންތައްތައް ކުރުމުގެ އެއްވެސް މާނައެއް ފައިދާއެއް ނެތްކަން ޔަގީނެވެ.

ސަމާލުކަން ހޯދުމަށްވެސް ކުރަންވާނީ ރައްކާތެރި އަމާން ކަންތައްތަކެވެ
ވިިއްސާރައާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިމަނައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ކިތަންމެހާވެސް ސާފުކޮށް އެނގޭނެހެން، މިފަދަ ވިއްސާރަ ދުވަސްވަރެއްގައި މަގުތަކުގައި އޮންނަ ފެންގަނޑުތަކާއި ފެން ހަރުލާފައި ހުރުމުން އެތަންތަނުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ. ބަޔާނުގައި ބުނީ ބޭރަށް ހިނގުމާއި ހޮޑުލުން، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކިއެކި ބަލިތައް، މޯލްޑް(ފަންގަސް)ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އަދި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިއަށް އޮޮތް ދުވަސްތަކުގައި ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެގޮތުން، އާންމު ފަރާތްތަކާއި މުވައްސަސާތަކުންވެސް ސަމާލުކަން ދޭންވީ ބައެއް ކަންކަން ހައިލައިޓްކޮށް ފާހަގަކޮށް ބުނެފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަވެސް އޮތީ، ވިއްސާރައާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުމަށާއި އެއްވެސް ހާލެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަވެސް ރަބަރު ބޫޓައި އަންގި އަދި ނުތެމޭފަދައިން ކޯޓު ބޭނުން ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. ހާއްސަކޮށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑުގައި ޖެހުމަށްފަހި ނުވަތަ ސާފުކުރުމުގެ މަސައްކަތުގައި އުޅުނުކަމުގައިވިޔަސް ސައިބޯނިލައިގެން އަތްދޮވެ ރަނގަޅަށް އަތްހިއްކައި ސެނެޓައިޒްކޮށް ރައްކާތެރިވެ ހުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައިވެއެވެ.

