ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ހުކުމް އިއްވި ފަނޑިޔާރުންގެ އޯޑިޔޯތައް ލީކުވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު އިހުތިޖާޖަށް ނުކުންނާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އަންނަ ހުކުރުދުވަހު ހަވީރު 4އިން 6އަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އިހުތިޖާޖަކީ އެތައް ބަޔެއްގެ ހައްގު ހޯދައިދީ އެމީހުންނަށް އިންސާފް ހޯދުމަށް ބާއްވާ އިހުތިޖާޖެއް ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މިސަރުކާރުން ވެފައިވާ ވައުދުތައް އަދިވެސް ނުފުއްދާ ކަމަށާއި އެތައް ބަޔަކަށް އަދިވެސް އިންސާފް ނުލިބި އެބަތިބިކަމަށެވެ. އެގޮތުން ފަނޑިޔާރުގެޔަށް ނުފޫޒު ފޯރުވިޔަ ނުދީ އިންސާފް ޤާއިމްކުރާނެކަމަށް ވައުދުވެފައި ވީނަމަވެސް އެކަންތައްވެސް އަދި ނުކޮށްދޭ ކަމަށެވެ.
“އިންސާފް ހޯދަން” ނަމުގައި ކުރިޔަށް ގެންދާން ހަމަޖެހިފައިވާ މިއިހުތިޖާޖު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އިހުތިޖާޖު ކުރިޔަށްދާ ވަގުތުގައި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޔާމީންގެ ޝަރިއަތާއި ބެހޭގޮތުން ތިން ފަނޑިޔާރުން ވާހަކަ ދައްކާފައިވާ އޯޑިޔޯތައް ލީކުވުމާއި ގުޅިގެން އެބޭފުޅުން ވިދާޅުވަނީ އެއީ ސައްޚަ އޯޑިޔޯތަކެއް ނޫން ކަމަށެވެ. އެހެންކަމުން ފުލުހުންވަނީ ތިން ފަނޑިޔާރުންގެ އޯޑިޔޯ ސާމްޕަލް ނެގުމަށްފަހު އޯޑިޔޯތަކުގެ ތަހުޤީގު ފަށާފައެވެ.

