އެމްޕޮކްސް ނުވަތަ މަކުނި ވިދުރި ދިވެހި ރާއްޖޭގައި ފެތުރިދާނެތޯ ބެލުމަށް އެސެސްމެންޓެއް ހެދުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.
މިކަން އެޗްޕީއޭ އިން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެޗްޕީއޭއިން ބުނެފައިވަނީ ޑަބްލިއުއެޗްއޯ އިން އެމްޕޮކްސް އަކީ ޕަބްލިކް ހެލްތު އިމަޖެންސީއެއް ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި އިއުލާނު ކޮށްފައިވާ ކަމަށާއި މިކަމާ ގުޅިގެން ރާއްޖޭގައި މި ބަލި ފެތުރިދާނެތޯ ބެލުމަށް ރިސްކު އެސެސްމެންޓެއް ހަދަން ފަށާފައިވާ ކަމަށެވެ.
އެޗްޕީއޭ ގެ ޕޯސްޓުގައި ރިސްކު އެސެސްމެންޓު ހަދާ ނިމުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަންގަމުންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މަކުނު ވިދުރި އަކީ ގައިގޯޅިވުމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބައްޔަކީ އާންމު ގޮތެއްގައި ވަރަށް މަދު ހާލަތެއްގައި ނޫނީ ނުރައްކާތެރި ބައްޔެއް ނޫނެކެވެ.
ކުއްލި ނުރައްކަލުގެ ހާލަތަކީ ހާލަތަކީ ޑަބްލިއުއެޗްއޯގެ އެންމެ މަތީ ދަރަޖައިގެ އެލާޓު ކަމަށް ވާއިރު މި އެލާޓު ނެރެފައިވަނީ ބައްޔެއް ކޮންޓްރޯލް ކުރުމަށް ދިރާސާކުރުމާއި ފައިސާ ހަރަދު ކުރުމާއި ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ފިޔަވަޅުތަކާއި އެއްބާރުލުން ދިނުން އަވަސްކުރުމުގެ ގޮތުންނެވެ.

