ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒުގެ އެކްސްޕޯސްޓުގައި ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ މައްލާ ޅަތުއްތު ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއްކަމުގައެވެ.
މައްލާ ޅަތުއްތަކީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާއި، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާއި، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތް ކުރެއްވުމުގެ އިނާމާއި، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ހާސިލު ކުރައްވާފައިވާ ޤައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ.
ރައީސް ޑރ މުޢިއްޒު ވަނީ އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިދުއާ ކުރައްވާފައިއެވެ.
“މާތް ﷲ ގެ ތަނަވަސް ރަޙުމަތާއި މަޣުފިރަތުގައި، އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މައްލާ ޅަތުއްތު ލަހައްޓަވާށިއެވެ. އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން، އާމީން!” ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވެއެވެ.

