ނ މަނަދޫއަށް ސިހުން ގެނުވި 62 އަހަރުގެ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މަރާލަން ރާވައި، އެކަމަށް ހިތްވަރާއި އިރުޝާދުދީ، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދިނީ އެ މައްސަލައިގައި ދައުވާ ލިބޭ ހަސަން ފަވާޒު ކަމަށް ދައުލަތުން ބުނެފި އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ފަވާޒް(21އ)ގެ އިތުރުން، އަހުޒަމް އަބްދުއްޝަކޫރާއ (23އ)، އަބްދުއްވާހިދު ރިފާސް (21އ)ގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ތިން މީހުންގެ މައްޗަށް ވަކިވަކިން ހިންގާ ޝަރީއަތުގައި މިއަދު އޮތީ، ދައުވާ އިއްވުމާއި ޖަވާބުދާރީވުމުގެ ބައެވެ.
މިއަދުގެ އަޑުއެހުމުގައި ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން ބުނެފައި ވަނީ ނައިމާ މަރާލީ ފަވާޒްގެ އެންގުމަށް ކަމަށާއި އަހުޒަމް އާއި ރިފާޝްއަށް އެކަމުގެ އަގެއްގެ ގޮތުގައި ދިނީ މަސްތުވާތަކެތި ކަމަށެވެ. ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާޝް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި، އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށެވެ.
މަރާލާފައި އޮތް ނައީމާ މޫސާގެ ލެއިންތަތްތެޅިފައިވާ ހަށިގަނޑު އޮތް ކޮޓަރި ތެރެއިން އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ނައީމާއަށް ހަމަލަ ދިނުމަށް އެެގެއަށް ވަން މީހާ ހުރީ އެއްވެސް ޝައްކުގެ ނިޝާނެއް ނުފެންނާނެހެން ތައްޔާރުވެ ހެޒްމެޓް ސޫޓެއްގައެެވެ. އަދި މަރާލުމަށްފަހު ލައިގެން ހުރި އަންނައުނުތައް އަންދާލައި، މަރާލަން ބޭނުންކުރި ހަތިޔާރު ކަމަށްވާ ދެވަޅިއާއެކު ވަޅުގަނޑެއް ކޮނެ އޭގައި ވަޅުލައިފަސްއަޅާ ފޮރުވައި ހަަމަޖައްސާފައެވެ. އެއަށްފަހު ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހިގެން ކާރުގައި ރަށުތެރޭގައި ދުއްވުމަށްފަހު ގެއަށްގޮސް އަނެއް ދުވަސްވެސް އާދައިގެ މަތިން ނިންމާލީއެވެ. ފުލުހުން ރޭދުވާ އެއްކޮށްލައިގެން ނައީމާގެ ގާތިލު ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެމީހުން ދިޔައީ ހަމަ ގާތުން ހުރިހާ މަންޒަރެއް ބަލަމުންނެވެ.
ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލީ، ރިފާޝް ހައްޔަރު ކުރުމާއެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތުމުންނެވެ. ދައުލަތުން ބުނި ގޮތުގައި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށްވާތީއެވެ.
މަރާލިތާ 40 ގަޑިއިރު ފަހުން ފެނުނުއިރު ނައީމާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެ، ކަޅުވެފައެވެ.
ފަވާޒް ވަނީ އޭނާއަށް އިއްވި ތިން ދައުވާއަށްވެސް އިންކާރުކޮށް ނައީމާ މަރާލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައެވެ.
މިއަދު ހެނދުނު ވަނީ ރިފާޝްގެ މައްޗަށްވެސް ދައުވާތައް އިއްވާފަ އެވެ. ނަމަވެސް އޭނާ ވަނީ މިއަދު ޖަވާބުދާރީވާން އުޒުރުވެރިވެފަ އެވެ. މިއަދު މެންދުރު ފަހު އަހުޒަމަށް ދައުވާ އިއްވިއިރު އޭނާވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ވަކީލު ފޮނުވި ލިޔެކިޔުން ހުރީ ވާރޭ ވެހުމުގެ ސަބަބުން ހަލާކުވެފައި ކަމަށާއި އޭގެ ސަބަބަުން ދައުވާތަކަށް އެއްބަސްވާންވެސް ނުވަތަ އިންކާރު ކުރާކަށް ވެސް ނޭގޭ ކަމަށެވެ.
މި ތިން މީހުންގެ މައްޗަށްވެސް އުފުލާފައިވާ ދައުވާ އަކީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދެވުނީ 23 އަހަރުގެ އަހްޒަމް އަބްދުއްޝަކޫރެވެ. ނައީމާގެ މަރަށްފަހު ޝައްކުވާ ގޮތަކަށް ނޫޅުނު ކަމުގައި ވިޔަސް ފުލުހުން ދިޔައީ އަހްޒަމަށްވެސް ފާރަލަމުންނެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައިގައެވެ. ބަންދަށް ފުރަތަމަ ތިން ދުވަސް ދިނުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރުަށް ކޯޓަށް ގެންދިއުމުން ކޯޓުގައި އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެފައެވެ. އަދި އަހްޒަމްވަނީ ކޯޓުގައި އޭނާގެ ދެބައިވެރިން ކަމަށްވާ 20 އަހަރުގެ ރިފާޝް އަބޫބަކުރާއި 21 އަހަރުގެ ހަސަން ފަވާޒްވެސް ނައީމާ މަރާލުމުގައި އެހީތެރިވެ ބައިވެރިވިކަމަށް ބުނެފައެވެ.
ނައީމާ މަރާލަން އެގެއަށް ވަނުމަށް އަހްޒަމް ބޭނުން ކުރީ ހެޒްމެޓް ސޫޓެއްކަން ވަނީ ހާމަވެފައެވެ. ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ކުރިއާލާ ހޯދާ އެހިސާބަށް އެމީހުން ދިޔައީ އެރެއަށް ތައްޔާރުވެގެންކަން އޮތީ ތަހުގީގު ދުވަސްތަކުގައި ހާމަވެ އެނގިފައެވެ.
އަހްޒަމް ނައީމާ މަރާލި ސަބަބު ނޭނގުނު ކަމުގައި ވިޔަސް އޭނާގެ ފޭސްބުކް ސްޓޭޓަސް ތަކާއި ޕޯސްޓުތައް ހިއްސާކޮށް ބުނެފައިވާ ވާހަކަތައް އިޝާރާތް ކުރާ ދިމާލެއް ހާމަވެއެވެ. “ސިހުރެއްނޫން ކޮންމެ ގރއ ބުޔަސް މަށަށް އޮތް އެއްޗެއް ވިއްޔާ މަށަށް ލިބޭނެ، އަދި ބަޔަކު މީހުން މިކަމާކިތަންމެ ހަސަދަވެރި ވިޔަސް،” މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ފޭސްބުކުގައި މި ގޮތަށް ބުނެފައިވާއިރު ދެންހުރީ ބޭވަފާތެރިކަމުގެ ހިތިކަމުގެ ވާހަކައާއި ލޯބިވެރިޔާ އެހެން މީހަކާ ކައިވެނިކުރި ވާހަކައާއި ކުރިމަތީގައި ހެޔޮއެދުނަސް ނުފެންނަތަނުގައި ހެޔޮ ނުވާނެވާހަކައާއި ހެޔޮދުއާ ނުކުރާނެ ވާހަކައެވެ.
ނައީމާ މަރާލި ރޭ އެހިސާބަށް އަހްޒަމް އާއި ރިފާޝް އެގެ ކައިރިއަށް ކާރުން ފައިބާ ރިފާޝް މަޑުކުރީ ފާރައަަށް ބޭރުގައެވެެ. އަދި އެތެރެއަށް ވަނީ އަހުޒަމެވެ. އަދި އެވަގުތު އަހުޒަމް ހުރީ ހެޒްމެޓް ސޫޓެއްގައެވެ. ނައީމާ މަރާލުމަށްފަހު ނުކުމެ ކާރުގައި އެމީހުން ގޮސް ލައިގެން ތިބި އަންނައުނާއި ސޫޓު އަންދައި އަދި ހަތިޔާރާއެކު ހުރިހާ އެއްޗެއް ވަޅުލާފައި ރަށުތެރޭގައި ކާރު ދުއްވިކަމަށްވެއެވެ. ތަހުގީގު ކުރިއަށްދިޔައިރު ފުލުހުން މިކާރުވެސް ތަހުގީގަށް ނެގިއިރު އަންދާލައި ވަޅުލާފައި ހުރި ސާމާނުވެސް ނެގިއެވެ.

