ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ، އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި ނަމަވެސް، އެކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށެވެ.
އީއޯއައިގައި ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓްސްއާއި، ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލު ހިމަނަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭ ކަމަށެވެ.
އެ މަޝްރޫއަށް ޝައުގުވެރިފާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 29، 2024 ގެ 14:00 އެވެ.
އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް ބިޒިނަސް އެމްވީ އަށް ކަމަށާއި އެކަމުގެ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުމުން ވެސް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

