އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ފާރަކާއި ފާރުގައި ހުރި ފެންސާއެކު އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.
މިއީ ދިރާގު ހެޑް އޮފީހާ ދިމާލުން އައިޖީއެމްއެޗްގެ އެއްފަރާތުން ބޭރުގައި، ވިލިނގިލީ ޓާމިނަލާ ދިމާއަށް މިސްރާބުޖަހާ ހިސާބުގައި އޮންނަ ޕާކިންޒޯނެވެ. އެ ފާރު ވެއްޓިފައިވަނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ވައިބާރުވެގެންނެވެ. އެ ފާރު ވެއްޓުނުއިރު، ފާރުގައި ހުރީ ޓީނު ފެންސެއް ވެސް ޖަހާފައެވެ. އަދި ފާރު ވެއްޓިގެން އައިސް އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ވަނީ ގެއްލުންތަކެއް ވެފައެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ދިރާގު ހެޑް އޮފީސް ކައިރީ، ޕާކިން ޒޯން ހިމެނޭ ހިސާބުގައި ޖަހާފައި ހުރި ފެންސެއް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ކަމުގައިވިޔަސްސް އެތަނުގައި ހުރި ސައިކަލްތަކަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ..

