ބޭނުންވާ ތަކެތި
- 6 އަލުވި
- 1 ސަމުސާ ފުށް
- 3 ޓޮމާޓޮ
- 8 ލޮނުމެދު ޗަސްކޮށްލާފައި
- 4 އޮރެގާނޯ ފަތް
- ހިކިމިރުސް ނޫނީ ތޮޅިމިރުހެއް ވަރު ހިމުންކޮށްފައި.
- ލޮނު، އަސޭމިރުސް،
ތައްޔާރު ކުރާނެ ގޮތް
އަލުވި ތޮށި މެށުމަށްފަހު ތުނިކޮށް ދިގަށް ގާނާލާށެވެ. އަދި ފެނުން ދޮވެފައި ނަގާ ފެން ހިއްކުމަށްފަހު ތަށްޓަކަށް އަޅާލާށެވެ. ފުށްކޮޅު ލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މަތިޖަހާފައި ބެހެއްޓުމަށްފަހު ސޯސްކޮޅު ތައްޔާރުކޮށްލާށެވެ.
ޓޮމާޓޯ މިނެޓެއްހާއިރު ހޫނުފެނުން ކައްކާލުމަށްފަހު ނަގާ ތޮށި ނޮޅާލާށެވެ. އަދި ތަވައަށް ތެޔޮފޮދެއް އެޅުމަށްފަހު ލޮނުމެދު އަޅާށެވެ. އަދި ޓޮމާޓޯތައް ޕިއުރީގޮތަށް ޗަސްކޮށްލާފައި، އެޔަށް އަޅާށެވެ. ރަހަލާވަރަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަދި މިރުސްކޮޅު އެޅުމަށްފަހު އެއްކޮށްލަމުން އޮރެގާނޯ ފަތްކޮޅުވެސް އަޅާލާށެވެ. ރަނގަޅަށް ރަހަނުކުންނަ ވަރަށް ކެއްކުމަށްފަހު ތަށްޓަކަށް ނަގާލާށެވެ.
ތެއްޔަކަށް ތެޔޮއަޅައި ހޫނުކުރަން ޖައްސާށެވެ. ކުރިން ތައްޔާރުކޮށްފައި ހުރި އަލުވިތަށި ނަގައި ޗޮޕްސްޓިކަކުން ނޫނީ އުލަކުން ވިޔަސް އޮޅާފައި ގޮތަށް ވަށްކޮށް އެތިއެތިކޮޅުން ބޯޅައެއް ގޮތަށް ނަގާފައި ތެލަށް އަޅާށެވެ. އަލުވިތަށި ހުސްވަންދެން މިގޮތަށް އޮޅާފައި ތެލުލާށެވެ. ރަނގަޅަށް މުރަނަ ވުމުން ތެލުން ނަގައި ޓްރޭއަށް އެޅުމަށްފަހު ލޮނުކޮޅެއް ވިއްސާލާށެވެ. ޗިޕްސްބޯލްތަކުގައި ރަނގަޅަށް ލޮނު ހޭކުމަށްފަހު ތަށްޓަކަށް ނަގާށެވެ. ކުރިން ތައްޔާރުކުރި ސޯސްކޮޅު ހުރި ކުޑަތަށި ވެސް މިބޮޑު ތަށިތެރޭގައި ބެހެއްޓިދާނެއެވެ، ނޫނީ ވަކިން ދެތަށީގައިވެސް ބަހައްޓާއިގެން ކެވިދާނެއެވެ.
ހަވީރުގެ ސަޔަށް ވަގުތުން ތައްޔާރުކޮށްގެން ކާލަން އެއްވަނަ އިނގޭތޯއެވެ!

