ތިމަންނާއަކީ މުސްލިމެއްކަމާއި ދިވެއްސެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ގާލްގައިޑުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް މިރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ގަރލްގައިޑް ޙަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ޤައުމަށްވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކުވެސް އަބަދުވެސް ވަރަށް މުހިންމު ދެ ކަމެއް ހަނދާންނައްތާނުލުމަށް ނަސޭހަތްތެރިވެވަޑައިގެން މެޑަމް ސާޖިދާ ވިދާޅުވީ އެދެކަމަކީ ތިމަންނާ މިއީ މުސްލިމެއްކަން، އަދި ތިމަންނާ މިއީ ދިވެއްސެއްކަން ހަނދާނުގައި ބަހައްޓަންވާނެކަމަށެވެ. އަދި ދީނަށް ފަރުވާ ތެރިވުމާއި ދިވެހި ގައުމަށް ރީތިނަން ހޯދާ ދިނުމަކީ ކޮންމެ ކުއްޖެއްގެވެސް އެންމެ ބޮޑު އުފަލަކަށް ހަދަން ވާނެ ކަމަށްވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު މެޑަމްގެ ވާހަކަފުޅުގައި ވިދާޅުވީ ހޭލުންތެރިކަމާއި، ހުނަރުވެރިކަމާއި، ފަރުވާތެރިކަމާއެކު ބިނާވާ ކުއްޖަކަށް ވާނީ ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ކަމަށެވެ. އަދި ދިރިއުޅުމުގެ ކާމިޔާބު ދަރިއަކަށް ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު
މި ކޭމްޕަކީ އެކި ޤައުމުތަކުން ބައިވެރިވާ ބައިނަލްއަޤްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ޤައުމު ފުރިހަމައަށް ތަމްޞީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަޚުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.

