ނެޓްފްލިކްސްއިން ދައްކަމުން އަންނަ ސީރީޒްއެއް ކަމަށްވާ "މަނީ ހެއިސްޓް"ގައި އުޅޭ ޕްރޮފެސަރު ސާޖިއޯ މާކްއިނާއާ ވައްތަރު މީހަކު ޕާކިސްތާނުން ވަނީ ފެނިފައެވެ.
ޕާކިސްތާނުގައި އާދައިގެ ފިހާރައެއްގެ ސޭޓަކަށް އުޅޭ މީހަކު ޕްރޮފެސަރު ސާޖިއޯ މާކްއިނާ އާ ވައްތަރުވެގެން މުޅި ސޯޝަލް މީޑިޔާގައި މިހާރު ދެކެވެމުންދަނީ އެވާހަކަތަކެވެ.
ޓްވިޓާގައި އެކި މީހުންގެ ޓްވީޓްތަކުން ފެންނަގޮތުގައި މިމީހާ އިނީ ފިހާރައިގެ ކައުންޓަރުގައެވެ. އާދައިގެ ފިހާރައެއްގެ ސޭޓަކަށް ފިލްމީ ތަރިއެއް އިންކަމަށްބުނެ ބައެއް މީހުން ޓްވީޓްކުރަމުންދާއިރު އަނެއްބައި މީހުން ބުނަމުންދަނީ މިއީ އިއްތިފާގެއް ކަމަށެވެ.
"މަނީ ހެއިސްޓް" ގައި އުޅޭ ޕްރޮފެސަރ އެސީރީޒްގައި ކަމެއް ދިމާވާއިރަށް "ކޮންޓެކްޓް ޕާކިސްތާން" އޭ ބުނާތީ ބައެއް މީހުންދަނީ މިޑައިލޮގާ ޕާކިސްތާނުން ފެނުނު ޕްރޮފެސަރ ވައްތަރު މީހާއާ ގުޅުވާފައެވެ.
ރާއްޖޭގެ ޒުވާނުންގެ ހިތްވެސް ފަތަހަކުރަމުންދާ "މަނީ ހެއިސްޓް" ސީރީޒްގެ އާ ސީޒަންތަކެއް މިމަހު 2 ވަނަ ދުވަހު ވަނީ ނެރެފައެވެ. އަދި އަންނަ ޑިސެމްބަރމަހު އާ ސީޒަންއެއް އަންނާނެކަމަށް އެޓީމުންވަނީ ބެލުންތެރިންނަށް ހާމަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމީ ތަރިންނާއި ވައްތަރު މީހުން ފެނުމަކީ ވަރަށް ގިނަ މީހުންގެ ސަމާލުކަން ދަމައިގަންނަ ކަމެކެވެ. އެގޮތުން ބޮލީވުޑްގެ ތަރިންގެ އިތުރުން ހިންދީ އަދި އިގިރޭސި ޑްރާމާތައް ކުޅޭ މީހުންނާ ވައްތަރު މީހުން ވަނީ ފެނިފައެވެ. އެގޮތުން ބަލާއިރު ސިޔާސީ ލީޑަރެއް ކަމަށްވާ ޑޮނަލްޑް ޓްރަމްޕް އާ ވައްތަރު މީހަކާއި ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) އާ ވައްތަރު މީހަކު މީހަކުވެސް މިދިޔަ ހަފްތާގައި ވަނީ ފެނިފައެވެ.

