ގައުމީ އެއާލައިން މޯލްޑިވިއަން އަށް އޭޓީއާރު މަރުކާގެ ތިން މަތިންދާބޯޓު ގެނެސްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ ފައިނޭންސް ލީސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. އައިއޭއެސްއިން ބުނި ގޮތުގައި މަތިންދާ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދަނީ ދިގު މުއްދަތުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށެވެ.
އައިއޭއެސް އިން ބުނީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން މުޅިން އާ އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓް މޯލްޑިވިއަން އަށް ބޭނުން ވަނީ 15 އަހަރުގެ މުއްދަތުން ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ކަމަށެވެ.
މޯލްޑިވިއަންއަށް މި ބޯޓުތައް ފޯރުކޮށްދޭންޖެހޭ ތާރީހުތައްވެސް އިއުލާނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެއް ބޯޓު މި އަހަރުގެ ޑިސެމްބަރަށް، އަނެއް ބޯޓު އަންނަ އަހަރުގެ އޮގަސްޓަށް އަދި ފަހު ބޯޓު 2026ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ:
- މަތިންދާ ބޯޓު ގެންގުޅޭ ފަރާތްތަކަށް،
- ބޯޓު ކުއްޔަށް ދޭ ކުންފުނިތަކަށް
- ކޮމާޝަލް ބޭންކުތަކަށް އަދި
- މާލީ ކުންފުނިތަކަށް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެއެވެ.

