ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި “ޖުވެނައިލް ޖަސްޓިސް ޓްރޭނިންގ” ނިންގައިފިއެވެ.
11 އޮގަސްޓް 2024 ން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ހިންގުނު އެ ތަމްރީމް ޕްރޮގްރާމަކީ ޤާނޫނު ނަމްބަރު 18/2019 ކުޑަކުދިންގެ ޢަދުލުގެ ޤާނޫގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކި ހައިޞިއްޔަތުން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަކީ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ޚާއްސަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ހިންގުނު ޕްރޮގްރާމެއް ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ވަނީ ބުނެފައެވެ.
އަދި އެ ޓްރޭނިންގގެ މަޤްޞަދަކީ ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތައް ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ހޭލުންތެރިކުރުމާއި، އެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބިދޭ ޙައްޤުތަކާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުން ކަމަށްވެސް ބުނެފައި ވެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި އެ ޓްރޭނިންގގެ ނިމުމުގެ ރަސްމިއާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުއަޙްމަދު ސިއްދީގު އާއި ޑރ. މުޙައްމަދު ކިނާނަތު، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޢަލީ ސަމީރު، ހެޑް އޮފް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑް ސުޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
އަދި އެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ވެސް ޙަވާލުކޮށްދެއްވާފައެވެ.
އެ ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފިސްއާއި އެޓަރނީ ޖެނެރަލްސް އޮފީސް އާއި ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ޖުވެނައިލް އަދި ޑްރަގް ކޯޓު ހިމެނޭގޮތަށް ޖުމްލަ 29 ބައިވެރިން ހިމެނެއެވެ. އަދި އެމްސީއެސްއިން ބައިވެރިވެފައިވަނީ ނުވަ ޕްރިޒަން އޮފިސަރުންނާއި ތިން ސިވިލް މުވައްޒަފުންނެވެ.
އެ ތަމްރީން ޕްރޮގްރާމްގައި މަލްޓި-ސެކްޓޯރިއަލް ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން، ކީ ޕްރިންސިޕަލްސް އޮފް ޖުވެނައިލް ޖަސްޓިސް ސިސްޓަމް، ޑައިވަރޝަން އަދި ރެސްޓޮރޭޓިވް ޖަސްޓިސްއާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

