ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ އިޤްތިޞާދުކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
” މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރުޙޫމް މުޙައްމަދު ޒާހިރުއަށް މިންވަރު ކުރައްވަވާށި. އާމީން.” ރައިސް
ހުނަރުވެރި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު އޯކޭ ޒާހިރު ނިޔާވީ އުމުރުން 76 އަހަރުގައެވެ. ފަތިހު 4:30 ގައި ޒާހިރު ނިޔާވެފައިވަނީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައެވެ.
ޒާހިރަކީ ރާއްޖޭގައި ވިޔަފާރީގެ އެކި ބާވަތްތައް މާކެޓަށްނެރެ ވިޔަފާރި ވަރަށްބޮޑަށް ފުޅާދާއިރާއެއްގައި ކުރައްވާފައިވާ ފަރާތެކެވެ. ޒާހިރަށްވަނީ މަސައްކަތްތެރިކަމުގެ ރޮނގުން 1993 އަހަރު ޤައުމީ އިނާމުވެސް ލިބިލައްވާފައެވެ.

