ޖެންޑަރ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ފިޔަވަތީގައި ތިބި ކުދިންނަށް އަނިޔާކުރާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ދޮގުކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުދިން ރޯއަޑު އިވިގެން އެހިސާބުގަނޑުގައި އުޅުނު އާންމުން ފިޔަވަތީގެ ފާރުމަތިން އަރާ ބަލާލުމުން އެތަނުން ބައެއް ކުދިން އެމީހުން އަނިޔާ ކުރަނީ ކަމަށް ބުނި ކަމަށާއި އެހެންކަމުން ފިޔަވަތީގެ ދޮރާށި ކައިރިޔަށް އެއްވި އާއްމުންގެ ބަޔަކު ވަނީ ދޮރުހުޅުވުމަށް ބުނެ އަޑުގަދަކޮށް ހެދިކަމަށް މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ދޮގު ވާހަކަތަކެއް ކަމަށާއި އެކުދިން ފިޔަވަތީގެ ގޯތިތެރޭގައި ތިބެ އަޑުގަދަކުރިޔަސް އެކުދިންނަށް އަނިޔާކޮށްފައިނުވާނެކަމަށެވެ. އަދި އެއިދާރާއިން މަސައްކަތްކުރަމުން ގެންދަނީ އަބަދުވެސް އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ރޭ އެސަރަހައްދުގައި އުޅުނު ބަޔަކު ފިޔަވަތީގެ ފާރުމައްޗަށް ބަޔަކު އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އެހެން ނަމަވެސް ފިޔަވަތީގެ މުވައްޒަފުން އެތާ ތިބޭ ކުދިންނަށް އަނިޔާކުރި ކަމުގެ މައްސަލައެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާތަކުގައި ގެންގުޅޭ ކުދިންނަށް އެތާނގައި އުޅޭ މުވައްޒަފުން އަނިޔާ ކުރުމަކީ ރާއްޖޭގައި މަދުން ނަމަވެސް ފެންމަތިވަމުން އަންނަ މައްސަލައެކެވެ. މިފަދަ މައްސަލަތައް ތަހުޤީގީ މަރުހަލާގައި ގިނަފަހަރު އޮއްބާލައެވެ. އެހެންވުމުގެ ސަބަބުން އެކަންތައްތައް ދުވަހެއް ދުވަހެއް ދަނީ އިތުރުވަމުންނެވެ. ކުޑަކުދިންގެ ހިޔާގައި އުޅެފައި ނުކުންނަ ކުދިންގެ ދުލުންވެސް މިފަދަ އަނިޔާވެރި އަމަލުތަކުގެ ވާހަކަތައް ވަނީ ދެކެވިފައެވެ. އެހެންނަމަވެސް ހިތާމަޔަކީ އަބަދުވެސް އެއީ ނުވާ ކަމެއް ކަމުގައި ބަލާފަ އެމައްސަލަ އެހިސާބުން ގެއްލުވާލާތީއެވެ.
ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ފާރަވެރިންނަށް ބައިތިއްބާ މީހުން އެކުދިންނަށް އަނިޔާކުރަންވެއްޖެނަމަ އެހިސާބުން ޖެންޑަރ މިނިސްޓްރީވެސް ފެއިލްވީއެވެ.

