ދިރިނޫޅެވޭ ވަރަށް ބާވެ ވީރާނާ ވެފައިވާ މއ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިގެ ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގެ ޕަބްލިކް ވާކްސް ޔުނިޓުންނެވެ.
އެ މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި މި ގެ ތަޅައިލަން ސަރުކާރުން ނިންމީ ވީރާނާވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިޔުމުންނެވެ.
މިގޭގައި މި އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ރޭ ރަބީއުވިލާގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. މި ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުން، މޭ މަހުގެ 20ވަނަ ދުވަހު ވަނީ ހަމަ އެގެއިން މަރުވެފައި އޮތް މީހެއް ފެނިފައެވެ.
މި ގެއަކީ މީހުން ނޫޅޭ ފަޅުގެއެކެވެ. މިކަމުގެ ސަބަބުން އެގެ ކުށުގެ ހާއްޔަކަށް ވެފައިވާކަމަށާއި އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުން އެގޭގެ ތެރޭގައި އާއްމުވެފައިވާކަމަށް އެ ހިސާބު މީހުން ބުނެއެވެ.
މާލޭގައި ބާވެ ބޮލަށް ވެއްޓޭވަރު ތަޅާލަން ޖެހޭ 15 ވަރަކަށް އިމާރާތްހުރިކަމަށް ސަރުކާރުން ހާމަކުރެއެވެ.
ބާވެ ވީރާނާ ވެފައިވާ މއ. ރަބީއުވިލާ ތަޅާލަނީ

