ކުޑަކަމުދާ ނިޒާމަށް ކުރިމަތިވެފައިވާ ބައްޔެއްގެ ސަބަބުން އުމުރުން 8 އަހަރުގެ ރ. މާކުރަތު / ދާރުލްފަލާހު މުޙައްމަދު އިޔާސް ވަނީ ވޭނީ ބައްޔަކަށް ހުށަހެޅިފައެވެ.
ރ. ދުވާފަރުގައި ދިރިއުޅެމުންދާ ފާތުމަތު ޝަހަދާގެ ދޮށީ ދަރިފުޅަށް މިހާރު ސުކޫލަށްވެސް ނުދެވެއެވެ. ޝަހާދާ ބުނީ ސުކޫލަށް ނުދެވޭތާ އެއްއަހަރުވަނީ ވެފަ ކަމަށެވެ. ޑޮކްޓަރުން ވިދާޅުވަނީ ކުދިންނާއެކު އުޅޭ އުޅުމުގައި އިތުރު ގެއްލުމެއް ލިބިދާނެތީ ކުއްޖާ ހެލިފެލިވެއުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. ޝަހާދާއާއި ވަކިން ކުއްޖާ ތަންތަނަށް ނުފޮނުވުމަށާއި، އިތުރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
2017 ވަނަ އަހަރު އިންޑިއާގެ އަނަންތަޕޫރީ ހޮސްޕިޓަލުން އިޔާސް ފުރަތަމަ އޮޕަރޭޝަން ވަނީ ކުރެވިފައެވެ. އޭގެ 9 މަސްފަހުން 2 ވަނަ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވިއެވެ.

އުމުރުން 9 އަހަރުގެ ރ. މާކުރަތު / ދާރުލްފަލާހު މުޙައްމަދު އިޔާސް ބަލިވެ ހޮސްޕިޓަލުގައި
އޭގެ ފަހުން ޑޮކްޓަރުންލަފާދެއްވީ ހަ މަސް ފަހުން ތިން ވަނަ އޮޕޭޝަން ކުރުމަށް ދިއުމަށެވެ. ނަމަވެސް މާލީހާލަތު ތަންނުދިނުމުގެ ސަބަބުން ޝަހާދާއަށްވަނީ ކުއްޖާގެ ފަރުވާއަށް ރާއްޖޭން ބޭރަށް ދެވޭގޮތްނުވެފައެވެ.
"ކުއްޖާއަށްދިމާވެފައިވާ ބައްޔަކީ ކުޑަކަމުދާ ނިޒާމަށް ދިމާވެފައިވާ ބައްޔެއް. ކުރިން ކުރި އޮޕަރޭޝަނާއެކު މިހާރުވަނީ ދެ ނާރެއް ލައްވާފަ. އެކަމަކު ނޯމަލް ކުއްޖެއްގެ ގޮތަށް ކުއްޖާއަށްއާދެވެންއޮތީ ތިންވަނަ އޮޕަރޭޝަނަށްފަހުކަމަށް ޑޮކްޓަރުން ބުނޭ. އެހެންވެ އަވަހަށް އޮޕަރޭޝަނަށް އިންޑިއާއަށް ނުދެވިގެން މިއުޅެނީ" ޝަހާދާ ކިޔައިދިނެވެ.
ޝަހާދާ ބުނީ އޭނާގެ ދޮށީ ދަރުފުޅު އިޔާސް މި ބައްޔާ ކުރިމަތިލާން ޖެހިފައިވަނީ ކުޑަކުކަމުދާ ނިޒާމަށް ދިމާވި ކަމެއްގެ ސަބަބުން ކަމަށެވެ. އޭރުއްސުރެ ކުއްޖާއަށްފަރުވާ ހޯދަމުން މެދުނުކެނޑިދާ ކަމަށާއި، ނަމަވެސް ކުއްޖާގެ ބައްޕަގެ ފަރާތުން ވެސް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. މިހާރު ކުދިންނަށް ޙަރަދު ހޯދަންވަނީ ކޯޓްގައި އެދިފަ ކަމަށްވެސް ބުނެފައެވެ.
ނަމަވެސް ކުދިންގެ ޙަރަދު ބައްޕަ އަތުން ކޯޓުންވެސް ނެގިފައިނުވާ ކަމަށެވެ. ދިރިއުޅުމުގެ ކަންކަންކުރަމުންދަނީ ޝަހާދާގެ މިހާރު އިދެގެންއުޅޭ މީހާއަށް ލިބޭ މަދު އާމްދަނީން ކަމަށާއި އެހެންކަމުން އިންޑިޔާ ފަދަ ގައުމަކަށް ގޮސް ތިބުމުގައި ކުރެވޭ ޙަރަދަށް ވާވަރަށް ފައިސާ ނުލިބޭ ކަމަށެވެ.

އިޔާސްގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް
ކުއްޖާގެ ބައްޔަށް އާސަންދަ ލިބޭ ކަމަށް ޝަހާދާ ބުންޏެވެ. ނަމަވެސް އިންޑިއާފަދަ ދުރުގައުމަކަށް ދިއުމުގައި ވަރަށް ބޮޑަށް ފައިސާގެ އެހީ ބޭނުންވާ ކަމަށެވެ. އަދި ދުވާފަރުން މާލެ އައުމަށްވެސް ޙަރަދު ހޭދަވާ ކަމަށާއި ކުއްޖާ ގޮވައިގެން މާލެއަށް އަންނަންވެސް 1500 ރފ. ހޭދަވާ ކަމަށެވެ. މީގެ އިތުރުން އަދި މާލޭގައި ހުރުމުގައި ކޮޓަރި ކުށްޔަށް ނަގަންޖެހޭ ޖެހުމުން ވެސް ބޮޑު ޙަރަދެއް ހޭދަވާ ކަމަށެވެ.
ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތަށް އިންޑިޔާއަށްދާން އޮތް މުއްދަތު މިހާރުވެސް ފަހަނައަޅައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ނިމުނު ޖުލައިގައި ދާން ބޭނުންވި ކަމަށެވެ. ނަމަވެސް އެވަރަށް ފައިސާ ނެތުމުން ނުދެވުނު ކަމަށް ޝަހާދާ ބުންޏެވެ.
މިހާރު މި މަސައްކަތްކުރަނީ ކުއްޖާ ނޯމަލް ކުއްޖެގެ ގޮތަށް އެހެންކުދިންގޮތަށް ބޭރަށް ނުކުމެވިއުޅެވޭ ދުވަހެއް ފެނޭތޯ ކަމަށާއި، ކުއްޖާއަށް ނޯމްލަ ކުއްޖެގެ ގޮތުގައި ސުކޫލަށް ދެވޭނެ ދުވަހަކަށް ކަމަށެވެ. އާންމުންގެ ފަރާތުން އެހީއެއް ލިބިއްޖެނަމަ ވިހާވެސް އަވަހަކަށް ކުއްޖާގެ ފަރުވާ އަށް ފުރާނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ތި ފަރާތްތަކުގެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށްވެސް ޝަހާދާ ވަނީ އެދިފައެވެ.
ގުޅޭނެ ނަންބަރުތައް: 9416163 ޝަހާދާ (އިޔާސް މަންމަ)
އެކައުންޓް ނަމްބަރު: 7730000224070 (ބީއެމްއެލް) ފާތުމަތު ޝަހާދާ
އެކައުންޓް ނަމްބަރު: 7730000619208 (ޑޮލަރު) ޝަހާދާ
ނޯޓު: ހުވަދޫ އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

